ރާއްޖޭގައި އަލަށް ދަތުރު ފަށާ ޑޮމެޓިކް އެއާލައިނެއް ކަމަށްވާ "މަންޓާ އެއާ" އިން ކެބިން ކްރޫއިން ހޯދަން އިއުލާން ކޮށްފިއެވެ.

މަންޓާ އެއާ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކެބިން ކްރޫއިންގެ ވަޒީފާ އަށް ކުރިމަތިލާ މީހުން މިމަހުގެ 31 ގެ ކުރިން ކުންފުނީގެ އޮފީހަށް އެޕްލިކޭޝަން ހުށަހެޅުމަށް އެދޭ ކަމަށެވެ. މަންޓާ އެއާގެ އޮފީސް ހުންނާނީ ބޮޑުތަކުރާފުނު މަގު، ތުނިޔަ ބިލްޑިންގްގެ ހަތަރުވަނަ ފަންގިފިލާފައެވެ. މަންޓާ އެއާލައިންގެ ވަޒީފާތަކާއި ބެހޭ އިތުރު މައުލޫމާތު 3319911 ނުވަތަ 3314477 ލިބިވަޑައިގަންނަވާނެއެވެ.

ކެބިން ކްރޫގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ވާން ޖެހޭނީ އޯލެވެލް ނުވަތަ އޭލެވެލްގެ ތިން މާއްދާ އިން ފާސްވެފައިވާ މީހަކަށް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ދޫކޮށްފައިވާ ކެބިން ކްރޫއިންގެ ލައިންސަންސް އޮތް މީހަކަށް ވެސް ވާންޖެހޭނެއެވެ.

މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ކެބިންކްރޫއެއްގެ ގޮތުގައި ލިބިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން ފަތަން އެނގޭ މީހަކަށް ވެސް ވާން ޖެހެއެވެ. އަދި ފަރިތަކަމާއި އެކު އިނގިރޭސިބަހުން ލިޔަންށާއި ކިޔަން އެނގުމުގެ އިތުރުން ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް ވެސް ވާން ޖެހޭނެއެވެ.

މަންޓާ އެއާ އިން މަސައްކަތް ކުރަމުން ގެންދަނީ އަންނަ އޮކްޓޯބަރ މަހު ދަތުރުތައް ފަށާށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ދ.އަތޮޅު، ރ.އަތޮޅު، ބ.އަތޮޅު އަދި ތ.އަތޮޅުގެ ރިސޯޓްތަކަށް މަންޓާ އެއާ އިން ފަތުރުވެރިން އުފުލާނެއެވެ. އެއާލައިން އިން ދަތުރުތައް ފަށަނީ ހަތަރު ސީޕްލޭނާއި 72 މީހުންގެ ޖާގައިގެ ތިން އޭޓިއާރް ފްލައިޓް ބޭނުން ކޮށްގެންނެވެ.

ރާއްޖޭގައި މިހާރު އޮންނަނީ ދެޑޮމެސްޓިކް އެއާލައިނެވެ. އެއީ މޯލްޑިވިއަން އާއި ވިލާ އެއާއެވެ.