ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވާކަމަށް ނިންމި ހަތަރު މީހުންގެ ތެރެއިން ދެމީހުންގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ނުކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ކުށް ސާބިތުނުވާކަމަށް ނިންމާފައިވަނީ މ.ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ.ތާއިފް އިސްމާއީލް ރަޝީދާއި، މ.ކުދެހިގެ ހަސަން ޝިފާޒާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ މައްޗަށެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، އެ މައްސަލައިގައި ކުށް ސާބިތުނުވާކަމަށް ނިންމި ހަތަރު މީހުންގެ ތެެރޭގައި ހިމެނޭ ހުސައިން ޒިޔާދުއާއި، ޙަސަން ޝިފާޒުގެ ބައި އިސްތިއުނާފު ކުރާ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް މުޙައްމަދު ދިފްރާންއާއި, އިސްމާޢީލް ރަޝީދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކްރިމިނަލް ކޯޓަށް ހުށަހެޅި, ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް އެކޯޓުން ނިންމެވި ނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު އިސްތިއުނާފުކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުވާ ސާބިތުވެ އުމުރަށް ޖަލަށް ލާން ހުކުމް ކުރީ އިސްމާއިލް ހައިޝަމާއި އަހުމަދު ޒިހާންގެ މައްޗަށެވެ. ކުށް ސާބިތުވި ދެމީހުންގެ މައްޗަށް މަރުގެ ހުކުމް ނީއްވުނީ މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ޔާމީންގެ އާއިލާ އިން ބުނުމުންނެވެ.

ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެމީހެއްގެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމިއިރު ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައި ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ރިޔާސީ ކޮމިޝަނުން އެމައްސަލައިގައި އާހެއްކެއް ނުހޯދި ހަތަރު އަހަރު ވާން ކައިރިވެފައި ވުމުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާ

    އިންސާފް ގާއިމްވެ ނިމުނީ.

  2. ދެބޯގެރި

    ތިޔަ މައްސަލަ އިސްތިއުނާފުނުކުރާނެ އެކަން އެނގޭ މުޅިންވެސް ހިންގަނީ ޖަރީމާ އެއްކަމެއް ފޮރުވަން އެތަށް ޖަރީމާއެއް އެއްވެސް ކަމަކަށް އިންސާފެން ހޯދައެއްނުދެވޭނެ ހުސްވައުދުވީ ވެރިކަން ހޯދުމަށް ކީހާޅެން ފަރިސްސަށްވެ ނިމުނީ އިންސާފު އިންސާފު އިންސާފު އަނެއްކާ 2023 ކައިރިވީމާ ޔަހޫދީންގެ ފަލްސަފާގެ ތެރެއިން ކޮންމެވެސް މޮޅު ވާހަތަކެއްދައްކައިގެން ރައްޔިތުންގެ ބޯކާނެ