މާފުށީ ޖަލަށް 50 ގޮޅި ހިމެނޭ ޔުނިޓެއް އިތުރު ކުރަން ސަރުކާރުން ނިންމައިފިއެވެ. ކަރެކްޝަނަލް ސާވިސްގެ ކަންކަން ބަލަހައްޓާ ހޯމް މިނިސްޓްރީން މިހާރު ވަނީ ޖަލަށް އިތުރު ކުރާ ބައިގެ ކުރެހުންތައް ކުރަހާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައެވެ.

ހޯމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ މާފުށީ ޖަލަށް 50 (ފަންސާސް) ގޮޅީގެ އެއް ޔުނިޓު އިތުރުކުރުމަށް ހަމަޖެހިފައިވާތީ މި ޔުނިޓުގެ ކޮންސެޕްޓް ޑިޒައިން އާއި ޑީޓެއިލް ޑްރޯވިންގް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 20 އޭޕްރިލްވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ހޯމް މިނިސްޓްރީ ގެ [email protected] އީ-މެއިލް އެޑްރެހަށް އެފަރާތެއްގެ ކޮންޓެކްޓް ނަމާއި އެޑްރެހާއި ކޮންޓެކްޓް ނަންބަރާއި އަދި އީ-މެއިލް އެޑްރެސް ފޮނުއްވާ ރަޖިސްޓްރީ ކުރެއްވުމަށް އިއުލާނުގައި އެދިފައި ވެއެވެ.

މި މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބޭނުންވާފުޅުވާ މަޢުލޫމާތު 20 އެޕްރިލްވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ ފަރާތަކުގެ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

މިމައްސަކަތައް އަންދާސީ ހިސާބު ތައްޔާރު ކުރަން ލިބޭނީ ހަތަރު ދުވަހެވެ. ހޯމް މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވީ 24 އޭޕްރިލްވާ އާދިއްތަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނެ ކަމަށެވެ.

މާފުށީ ޖަލަށް 50 ގޮޅި އިތުރު ކުރަން ނިންމިއިރު މިހާރު ވެސް ޖަލުގައި ޖާގަ ނެތިގެން އެތައް ބަޔަކު ޖަލަށް ނުގެންދެވި އެބަތިއްބެވެ. އަދި ރިމާންޑް ޖަލުތަކުގައި ބައިތިއްބަން ޖެހޭ އެތައް ބަޔަކު ކަސްޓޯޑިއަލް ޖަލުތަކުގައި އެބަތިއްބެވެ.