ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ވެމްކޯ އިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތަށް ފައިސާ ދައްކަން ޖެހޭނީ މި ފެށޭ މެއި މަހުން ފެށިގެން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލެ ހިޔާ ފްލެޓްގައި ގިނަ އަދަދެއްގެ އާއިލާތަކުން މިހާރު އާބާދުވެފައިވުމާ ގުޅިގެން މި ކޯޕަރޭޝަނުން ދުވަހު ކުނި އުކާލުމުގެ ހިދުމަތްތައް އެސަރަހައްދަށް މެދުނުކެނޑި ދަނީ ފޯރުކޮށްދެމުން ކަމަށެވެ.

އެހެންކަމުން މެއި މަހުން އިން ފެށިގެން ވެމްކޯގެ ހިދުމަތަށް ބިލް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.

ހިޔާ ފްލެޓްތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތް ބިލް ކޮށްފައިވަނީ މަހަކު 150.00 ރުފިޔާ ދެއްކުމަށް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. ވެމްކޯގެ ބިލް އަދި އެކައުންޓްގެ ތަފްސީލް ރަޖިސްޓާ ކޮރެވިފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސްއެމްއެސްގެ ޒަރިއްޔާއިން ފޮނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ވެމްކޯއިން ބުނީ ދެވަނަ ފިޔަވަހީގެ ގޭބީސީތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތަކީ ދުވަހު ކުންޏަށް ހާއްސަ ހިދުމަތެއް ކަމަށެވެ. އަދި އެ ނޫން ބަރު އަދި ބޮޑެތި ކުނި އުކާލުމަށް މިކޯޕަރޭޝަންގެ "ކޯލް އެންޑް ޕިކަޕް" ކެޕްސް ހިދުމަތަށް އެދުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ވެމްކޯގެ ކެޕްސް ހިދުމަތަށް ބުކިން އެއް ހައްދާލުމަށް ނުވަތަ ހިޔާ ފްލެޓްގެ ބިލާއި ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް ވެމްކޯގެ ހޮޓްލައިން 1666 އަށް ހުޅުވިފައި ހުންނަ ވަގުތުތަކުގައި ގުޅުއްވުމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ވެމްކޯއިން ހިޔާ ފްލެޓްތަކުގެ ކުނި އުކާލުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ވަކިގޮތަކަށެވެ. ކުނި ކޮތަޅު ނަގާކަށް ވެމްކޯގެ މުވައްޒަފުން ފްލެޓަކަށް ނާރާނެއެވެ. ހިޔާގެ ރައްޔިތުން ކުނި އުކާލަށް ޖެހެނީ އެ ސަރަހައްދުގައި ވެމްކޯއިން ބަހައްޓާފައިވާ ޑަސްބިން ތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާލުފޮޅި

    މިހުރިހާ ދުވަހު ކުނި އުކައިދެނީވެސް ހިލޭތަ؟؟؟ ސާބަހޭ މިނޫނިއްޔާ ނޫޅޭ ފްލެޓެއްގަ އުޅޭ ބަޔަކު.. ދެރަ ނިކަމެތި މީހާގެ ކުނި އުކައިދިނިއްޔާ ކީއްވާނީ.. ކުލި ދައްކާ ، ކުނި ފީ ދައްކާ ، ފެންބިލް ކަރަންޓް ބިލް ދައްކާ ހަދަންވީމަ ހަޅޭއްލަވަން ނުކުންނަނީ.. ގޮތްކުޑަ މުޑުދާރު ބައެއް…