ރާއްޖޭގައި ހިންގާ ރިސޯޓުތަކުން ދައުލަތަށް ލިބެން ޖެހޭ ކުއްޔާއި، ކުލި ނުދައްކައި އޮތުމުން އަރާ ޖޫރިމަނާ ގޮތުގައި މުޅިއެކު 16.9 ބިލިއަން ރުފިޔާ އަދިވެސް ދައުލަތަށް ނުލިބި އޮތްކަން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް އިއްޔެ އާންމުކުރެއްވި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 2020 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ ތެރެއިން 21 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.

އޭގެ ތެރެއިން 78 އިންސައްތައަށް ވާ 16.9 ބިލިއަން ރުފިޔާއަކީ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުން ލިބެންޖެހޭ ކުއްޔާއި ކުލި ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާއެވެ. މިގޮތުން ކުލީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ނުލިބި ހުރިއިރު، ޖޫރިމަނާގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.

މީގެ އިތުރުން ވިޔަފާރި ފައިދާއިން ނެގޭ ޓެކްސިން އިން 1.8 ބިލިއަން ރުފިޔާ ނުލިބި ހުރިއިރު މުދަލާއި ހިދުމަތުން ނެގޭ ޓެކްސްއިން 1.6 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތަކާއި މުދަލުން ނެގޭ ޓެކްސިން އިން ހަ ލައްކަ ރުފިޔާ އާއި އެހެނިހެން ދާއިރާތަކުން މީރާއަށް ނުލިބި ހަ ލައްކަ ރުފިޔާ ހުރިކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ނުދައްކާ ހުންނަ އަދަދުން 0.5 އިންސައްތަ ދުވާލެއްގެ މައްޗަށް ޖޫރިމަނާ ވާގޮތަށް މީގެ ކުރިން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ރަށްތަކުން ޖޫރިމަނާ ނަގާ ގަވާއިދުގައި އޮތް ނަމަވެސް ދާދިފަހުން ސަރުކާރުން ވަނީ އެ ގަވާއިދު އިސްލާހުކޮށް 0.0493 އިންސައްތަ ނަގާ ގޮތަށް ހެދިއެވެ.

އަދި ގަވާއިދު ފާސްކުރި ތާރިހުގެ ކުރިއަށް ވެސް ގަވާއިދު ހިނގާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ. މިގޮތަށް ހެދުމުން، ދައުލަތަށް ގިނަ އަދަދަކަށް ފައިސާ ދައްކަން ޖެހިފައި ތިބި ފަރާތްތަކަށް އެތައް ބިލިއަން ރުފިޔާ ނުދައްކައި ފަރުޖެއްސޭނެއެވެ.

ޖޫޜިމަނާގެ ގޮތުގައި ލިބެންޖެހޭ 13 ބިލިއަނުން ދެން ދައުލަތަށް ލިބޭނީ ވަރަށް މަދު މިންވަރެކެވެ.

ދައުލަތަށް މުޅި އެކު 21 ބިލިއަން ރުފިޔާ ނުލިބި ހުރިއިރު، މިއީ މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ 61 އިންސައްތައެވެ. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ވަނީ، ނުލިބި ހުރި ފައިސާތައް ހޯދުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް މީރާ އަށް ލަފާދީފައެވެ.

މީރާއިން ވެސް ފައިސާ ނުދައްކާ ބައެއް ފަރާތްތަކާއި ދެކޮޅަށް ދައުވާ އުފުލާފައި ވީނަމަވެސް، ކޯޓުތަކުގައި އެ މައްސަލަތައް ހިނގަނީ ވަރަށް ލަހުންނެވެ. އަދި ޖޫރިމަނާ ކުރާ ގަވާއިދަށް ގެނައި އިސްލާހާއެކު 2021 ވަނަ އަހަރުގެ ނިޔަލަށް ނުލިބި ހުރި ފައިސާގެ އަދަދު 21 ބިލިއަނުން އެއަށްވުރެ އެތައް ގުނަ އަކަށް މިހާރު ވާނީ ދަށްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަބަރޭ

    ފައިސާ ދައުލަތަށް ނުލިބޭ ނަމަ ރަށްތަށް އަތުލާ އެހެން ބަޔަކަށް ދީ

    12
  2. ކުމުންޒާނި

    ކޮބައިތަ ސުހޭލު ..މިކަލޭގެ ހީވަނީ ހިޔާފްލެޓުން ކުލިނުލިބިގެން ތެޅޭއިރު އެހެންކަމެއްހެން..ހެސްކިޔާފަ ވިޔަފާރިކޮށް ފައިދާ ނަގާ މަހުޖަނުންވީމަ މިވާހކަދައްކާނެ އަނގައެއްނެތް. ފުރަތަމަ މިފައިސާ ހޯދަބަލަ

    16
  3. ޑީޑީ

    ތިއަކި މާބޮޑު މައްސަލައެއްނޫން. ތިކަންތަށް ތިހެން އޮތްކަން އެނގޭތީވެ އިހަށްދުވަހު އޮންނާނެ ގާނޫނު އިސްލާހުކޮށް ތިޔަކަހަލަ ދަރަނިތަށް ރައީސްމީހާ އަށް މައުފު ކޮށްދެވޭނެގޮތް ހަދާފައި.
    ދެން ރައީސް މީހާ ތިޔަ ޖޫރިމަނާ މައުފުކޮށްދިނީމައި އެނިމުނީ. ތިޔަބުނާ ނުދައްކައި ހުރި ފައިސާއަކާއި ޖޫރިމަނާއެއް ނުދައްކައި ތިބޭނީ ރާއްޖޭގައި ތިބި މުއްސަނދިން، ރައީސުލް ޖުމްހޫރިއްޔާ އާއި ވަޒީރުންނާއި މަޖިލިސް މެމްބަރުން ދަންނަ ގާތް މީހުން ނުވަތަ އެވެރިންގެ މަސްލަހަތު އޮންނަ ވިޔަފާރިތަށް. ޢެމީހުންނަށް އެބަ އެނގޭ އެމީހުން އެފައިސާނުދައްކައި ތިއްބަކަސް ވާނެކަމެއްނެތްކަން.
    މައިލޯދަޅު ވަގަށްނަގާމީހާ ހައްރުކޮށް ބުރީހަން ނެގިޔަސް ދައުލަތުގެ ހަޒާނާ ހުސްކުރާ ބޮޑެތި ވަގުން ތިބޭނީ ޖަލަށް ހުކުމްކޮށްފައި އެމީހުންގެ ހުކުމް ތަންފީޒުކުރާނި އަނބިދަރިން ގާތު އަމިއްލަ ލަގްޒަރީގެ ގޭގައި.
    ދައުލަތުގައި ފައިސާނެތިއްޔާމު އިންޑިޔާ ސަރުކާރުގައި ބުނީމައި ބަޖެޓް ސަޕޯޓާއި އަނެއްކަމަކަށް ފައިސާލިބޭނެ، އެލިބުނީމައި އެމީހުންނަށް ސަނާކިޔާލަކިޔާލައި ތިބީމައި ރަނގަޅުވާނެ.
    ފަސްވަގުން ވެގެން މިއޮތީ ހަމަ ސީދާ ސަދޫމްގެ ވެރިކަން ގާއިމްކޮށްފައި.

  4. ޖަވާދު

    މީރާއިން ފިޔަވަޅު އަޅަމުން އެކައުންޓް ފްރީޒް ކުރަމުން ދަތިކުރަމުން ދުވާނީ ނިކަމެތި ޢާއްމު މީހާގެ ފަހަތުން! މި ރިސޯޓްތަކުގެ އެކައުންޓް ފްރީޒް ކޮށް ފިޔަވަޅު ނޭޅެނީ ކީއްވެ؟ މީރާ ގަވެސް އޮންނަނީ މޮޅު މީހާއަށް މޮޅު ގޮތް އަދި ދެރަމީހާއަށް ދެރަގޮތް

  5. Anonymous

    ކުރިސް އަތުން އަތުލާ