2015 ވަނަ އަހަރުންފެށިގެން ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ޖަނަވަރީ މަހު ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވީ ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރު، ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އައިއެސް ޖަމާޢަތައް ތާޢީދުކޮށް، އެ ޖަމާޢަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަރނެޓް މެދުވެރިކޮށް ފަތުރައި ޝާއިޢުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި، ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ފަސް ދައުވާއެއް ކުރުމަށް 18 އެޕްރީލް ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ ތަފްޞީލް:

1. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 08 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދަޢުވާ.

ސަބަބު: މީނާގެ ފޯނުން ސޯޝަލް މީޑިއާގެ އެކި އެކައުންޓްތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާދިނުމަށާއި، މީހުން މެރުމަށާއި، ތަންތަނަށް ގެއްލުންދީ ޢުދުވާނީ ހަމަލާތައް ދިނުމަށް ގޮވާލައި، އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) ޖަމާއަތުން ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ހަމަލާތަކާއި، އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމަށް އެކި އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ގިނަ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯ އިސްލާމިކް ސްޓޭޓް ޖަމާޢަތާ ގުޅުންހުރި އޮންލައިން ޕްލެޓްފޯމްތަކުގައި ޙިއްޞާކޮށް، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދީފައިވާތީ. އަދަބު: 10 އަހަރާއި 15 އަހަރާ ދެމެދު

2. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 09 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިއުންތައް ފެތުރުން.

ސަބަބު: އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ނިސްބަތްވާ އެކި މަޖައްލާތަކާއި ލިޔުންތަކާއި، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމަށް ހިތްވަރުދީ އެ ޖަމާޢަތުން ނެރެފައިވާ ފަތުވާތަކާއި ލިޔުންތައް އިންޓަރނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރާފައިވާތީ. އަދަބު: 10 އަހަރާއި 15 އަހަރާ ދެމެދު

3. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން، ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުން.

ސަބަބު: މީނާ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އައިއެސްގެ ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާތީ. އަދަބު: 10 އަހަރާއި 15 އަހަރާ ދެމެދު

4. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 1-16 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރުން.

ސަބަބު: މީނާ އައިއެސް ޖަމާޢަތަށް ތާއީދުކޮށްފައިވާތީ. އަދަބު: 03 އަހަރާއި 05 އަހަރާ ދެމެދު

5. ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 1-16 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން.

ސަބަބު: މީނާ މީނާ އައިއެސް ޖަމާޢަތާއި، އެ ޖަމާޢަތުގެ އެކި ވިލާޔަތްތަކަށް ތާއީދުކުރާކަން ދޭހަވާފަދަ ލިޔުންތަކާއި، ފޮޓޯއާއި، ވީޑިއޯ ގެންގުޅެފައިވާތީ. އަދަބު: 01 އަހަރާއި 03 އަހަރާ ދެމެދު

ހޫދު މުޙައްމަދު ޒާހިރުއާ ގުޅޭ މަޢުލޫމާތު ދިވެހިރާއްޖެއާ ޙިއްޞާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުންނެވެ. މި މައްސަލައިގެ ތަޙުޤީޤަށް ބޭރުގެ އެކި ޤައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަޙުޤީޤީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ދިވެހި ފުލުހުން ވިދާޅުވެފައި ވެއެވެ.