ނޫސް މަޖައްލާތަކުގެ އެޑިޓަރުކަން ކުރެވޭނީ ނޫސްވެރިކަމުގެ ދާއިރާ އިން ނުވަތަ ނޫސްވެރިކަމާއި ގުޅުން ހުރި ދާއިރާ އަކުން ޑިގްރީ ހާސިލް ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ކަނޑައަޅާ ހޯމް މިނިސްޓްރީ އިން އާންމު ކޮށްފައިވާ ޤަވައިދަށް ބަދަލު ގެނެސް ޑިގްރީ ނެތް ނަމަވެސް ނޫސް މަޖައްލާތަކުގެ އެޑިޓަރުކަން ކުރެވޭ ގޮތް ހަދައިފިއެވެ.

ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ޤަވައިދަށް މިހާރު ގެނެސް، މިއަދު ގެޒެޓްކޮށްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި ޑިގްރީ ނެތް ނަމަ ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ނޫސް މަޖައްލާތަކުގެ އެޑިޓަރުން ކުރެވޭނެއެވެ.

މީގެ އިތުރުން އަލަށް ގެނައި އިސްލާހުގައި ހިމެނޭ އިތުރު ކަންތައްތަކަށް ބަލާއިރު ޖާނަލްތަކާއި ކޮމިކްތަކުގެ އެޑިޓަރުކަން ވެސް ޑިގްރީ ނެތް ފަރާތްތަކަށް ކުރެވޭ ގޮތައް ވަނީ އިސްލާހު ކޮށްފައެވެ.

ޑިގްރީ ނެތް ފަރާތްތަކަށް ނޫސްތަކުގެ އެޑިޓަރުކަން ކުރެވޭ ގޮތައް ހޯމް މިނިސްޓްރީ އިން ޤަވައިދު މިއިސްލާހު ކުރީ ޑިގްރީ ނެތް ފަރާތްތަކަށް ނޫސްތަކުގެ އެޑިޓަރުކަން ކުރެވޭ ގޮތައް ޤަވައިދު އިސްލާހު ކުރަން ވަރަށް ގިނަ ފަރާތްތަކަކުން އެދެމުން ދަނިކޮށެވެ.

ހަމަައެކަނި ޑިގްރީ އޮންނަ ފަރާތްތަކަށް ނޫސްތަކުގެ އެޑިޓަރުކަން ކުރެވޭ ގޮތައް ހަމަޖައްސައިފިނަމަ ގިނަ ނޫސްތަކެއް ހުއްޓާލަން ޖެހޭނެ ކަމަށް ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އައީ ބުނަމުންނެވެ. ހާއްސަކޮށް އަތޮޅުތަކުގައި ހިންގަމުން އަންނަ ގިނަ އޮންލައިން ނޫސްތައް ހުއްޓިދާނެ ކަމުގެ ބިރު އާޤަވައިދުގެ ދަށުން އޮތީ ކުރިމަތިވެފައެވެ. އަދި ނަން މަޝްހޫރު ބައެއް ނޫސްތަކުގެ އެޑިޓަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންގެ ވަޒީފާ ވެސް ގެއްލުމުގެ ބިރު އޮތީ ކުރިމަތިވެފައެވެ.

ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމަށް ހޯމް މިނިސްޓްރީ އިން މިއަހަރު ޖަނަވަރީ 30 ވަނަ ދުވަހު އެކުލަވާލި ޤަވައިދުގެ ދަށުން ރާއްޖޭގައި ހިންގާ ހުރިހާ ނޫސްތަކާއި މަޖައްލާތަކާއި އެފަދަ އެހެނިގެން ތަކެތި އަލުން ރަޖިސްޓްރީ ކުރަން ޖެހެއެވެ.