އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑައަޅާފައިވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ރިޔާސީ ޓިކެޓް ރަސްމީކޮށް ނުދީގެން އުޅެނީ އެމްޑީޕީ އެތެރޭ ޑިމޮކުރަސީ ނެތުމުން ކަމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ޕީޖީ ލީޑަރު އަދި ވިލިމާފަނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އިބޫ އަށް ޓިކެޓް ރަސްމީކޮށް ހަވާލު ނުކުރަނީ ބޮޑު ސަކަރާތް ގަނޑެއް ޖަހަން އެމްޑީޕީން ބޭނުން ވާތީ ކަމަށެވެ.

"އެބޭފުޅުން ބޭނުން ވަނީ ދައުރުގެ މެދު ތެރެއިން ބޮޑު ސަކަރާތް ގަނޑެއް ޖަހައި ގައުމުގެ ހަމަޖެހުން ނަގާލަން, ރައްޔިތުންނަށް މިހާރު އެނގޭނެ މިވެރިން ރައްޔިތުންނަށް ފަސޭހަ އެއްވެސް ގޮތެއް ނުޖައްސާނެކަން" ނިހާން ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ޑިމޮކުރަސީ ނެތް ކަމަށާއި މުޅިން އޮޅުން ބޮޅުން ބޮޑުވެފައި އޮތް ކަމަށް ވިދާޅުވެ ނިހާން ވިދާޅުވީ އެމްޑީޕީ އިން އަދިވެސް އުޅެނީ ނަޝީދަށް ޓިކެޓް ނުދެވިގެން ކަމަށެވެ.

ނިހާނު ވަނީ މީގެ ކުރިން އެމްޑީޕީގެ ރިޔާސީ ޓިކެޓް އެންމެ ހައްގީ އިބޫ އަށް ކަމަށް ވިދާޅުވެފައެވެ.

އަންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ކެންޑިޑޭޓަކަށް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަން ކޮންގެރެސްއިން ފާސްކުރި ނަމަވެސް އަދި މިހާތަނަށް ރަސްމީކޮށް ޓިކެޓް އިބޫއާއި ހަވާލެއް ނުކުރެއެވެ.

އިބޫ އަށް ރިޔާސީ ޓިކެޓް ދޭން އެމްޑީޕީގެ ކޮންގުރެސް އިން ނިންމީ އިންތިހާބުގައި ވާދަނުކުރައްވާނެކަން ކުރީގެ ރައީސް ނަޝީދު އިއުލާން ކުރުމާއި ގުޅިގެންނެވެ. ނަމަވެސް ނަޝީދު ވަނީ އެންމެ ފަހު ވަގުތު ވެސް ފުރުސަތު ލިބިއްޖެނަމަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

އިންތިޚާބުގައި ވާދަ ނުކުރައްވަން ނަޝީދު ނިންމެވީ އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ހުރިގޮތުން ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައެވެ.

ނަޝީދަށް ކިރިޔާ ވެސް ފުރުސަތެއް ލިބިވަޑައިގަތުމުން، އިބޫގެ އަތުން ޓިކެޓް އަތުލައްވަން ނިންމަވާފައި ވަނީ އިބޫ އަށް އިތުބާރު ނުކުރައްވާތީ ކަމަށް ފާޑުކިޔާ ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދުއްލާ

    ނަސީދަށް ފުރުސަތެއް ނުލިބޭނެ . އެމްޑީޕީ އަށް ފުރުސަތު ލިބޭނީ ވެސް ސަރުކާރުން އެފުރުސަތު ދީފިނަމަ . މިހާރުވެސް ޕާޓީތަކުގެ ގާނޫނުބުނާގޮތުން އެމްޑީޕީ ވަނީ އުވިފަ . ސަރުކާރުން އުވާނުލާ ހިފަހައްޓަނީ ބޭރުގެ ޕްރެސްރުގެ މައްޗަށް ވިސްނާފަ. މިހާރު ކަންކަން ހުރިގޮތަށް ބަލާއިރު ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީ އުވާލަން އެބަޖެހޭ