ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަނުކޮށް ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުން ބަލައެއް ނުގަނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް އެގޮތަށް ވިދާޅުވީ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރި ބަހުސްގެ ތެރެއިނެވެ.

އުޝާމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އުޅޭ ނިކަމެތިންގެ ފަރާތުން މިހާރުވެސް ވަރަށް ގިނައިން ޝަކުވާ ލިބޭ ކަމަށެވެ. އެގޮތުން ހިޔާ ފްލެޓުން ކުލި ދެއްކޭނެ ގޮތެއް ނެތި ސަރުކާރުން އެކަމަށް އެއްވެސް ގޮތެއް ހަމަނުޖައްސައިދޭތީ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

ހިޔާ ފްލެޓްގެ މިހާރުގެ ކުއްޔަކީ 8500ރ. އެވެ. މިއީ ކުރީ ސަރުކާރުން ހިޔާ ފްލެޓްގެ ކުއްޔަށް ހަމަ ޖެއްސި އަދަދަށް ވުރެ ބޮޑު އަދަދެކެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް ކުރީގެ ސަރުކާރުން ހަމަޖެއްސި ކުލި ނަގައިފިނަމަ އެޗްޑީސީއަށް ގެއްލުން ވާނެ ކަަމަށް ބުނެ އެ ޑިމާންޑްތަކަށް ދީލާލާން ސަރުކާރުން ވަނީ ދެކޮޅު ހަދައިފައެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ރައްޔިތުން ދައްކާ ވާހަކަ އަޑުނާހާ ނިކަމެތި ރައްޔިތުންނަށް މިކަމުގައި ހައްލެއް ހޯދައިނުދީ އެ ބޭފުޅުން ދައްކަން ޖެހޭ ކުލި ކުޑަކޮށް ނުދީ ރާާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުން ދައުލަތައް ދައްކަން ޖެހޭ ކުލި ކުޑަކޮށްދިނުމަކީ ދައުލަތުން ކުރާ ވަރަށް ބޭ އިންސާފު އަމަލެއް." އުޝާމް ވިދާޅުވިއެވެ.

އެހެންކަމުން ރިސޯޓްތަކުގެ ބިމު ކުލި ކުޑަކުރަން ހުށަހެޅި އިސްލާހަށް އެއްވެސް ވަަރަކަށް ތާއިދު ނުކުރައްވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ މީގެ ކުރިން 2020 ވަނަ ރާއްޖޭގައި ފަތުރުވެރިންކަން ނެތް ސަރަހައްދުތަކުން ބިމު ކުލި ކުޑަކުރަން ވެގެން ހުށަހެޅު އިރު އޭގެ ސަބަބުން ދައުލަތައް ގެއްލޭނެ އާމްދަނީ ވެސް ސަރުކާރުން ހުށަހެޅި ކަމަށެވެ. ނަމަވެސް މި ފަހަރު ކުލި ކުޑަކުރާ އިރު ދައުލަތައް ގެއްްލޭނެ އާމްދަނީއާ ބެހޭ އެއްވެސް ތަފްސީލެއް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ދައުލަތަށް އާމްދަނީ ލިބެން ހުންނަ ވަސީލަތްތަކާ މެދު ރަނގަޅަށް ދިރާސާނުކޮށް ބަދަލަ ގެނައުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ހާއްސަަކޮށް ވަކި ބަޔަކަށް ފައިދާ ވާގޮތަށް އެކަންކަން ވެގެން ދިއުން ރަނގަޅު ނޫން ކަމަށް ވިދާޅުވއިެވެ.

މިނިމަމް ވޭޖްއަކީ ހަމައެކަނި ޓޫރިޒަމް ދާއިރާގައި މަސައްްކަތް ކުރާ ފަރާތްތަކަށް ލިބޭ އެއްޗެއް ނޫން ކަމަށާއި އަދި މިނިމަމް ވޭޖް ދައްކަންށޭ ކިޔާފައި ދައުލަތުން އެންމެ ބޮޑު މަހުޖަނުންނަށް ސަބްސިޑީއެއް ދިނުމަކީ އެންެމެ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިސޯޓްތަކުގެ ބިމު ކުލި ކުޑަކުރަމަށް ނިންމާފައިވާ އިރު ފަތުރުވެރިކަމުގެ އެންމެ ރަނގަޅު ސަރަހައްދުތަކުގެ ރިސޯޓްތަކުން ވެސް އަކަމީޓަރަކަށް ހަ ޑޮލަރު ނަގަން ސަރުކާރުން ވަނީ ހުށަހަޅައިފައެވެ. މިހާރު އެފަދަ ސަަރަހައްދުތަކުން އަކަ މީޓަރަކަށް ނަގަނީ އަށް ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާޟީ

    ގައުމުގެ ދުވަސް ދުއްވާ އިރުވެސް ކުފޫ ހަމަނުވާ މީހުނަކައް ނޭގޭނެ މިވާގޮތެއްވެސް އެމީހުނައް ފެންނާނީ ކަޓައްލިބޭ ފައިސާ ދެން މަހަކު 85000

  2. ޙަޑި

    ސުހޭލުގެ ނޯކޮންފިޑެންސް ވޯޓެއް ނަގާބަލަ

  3. ބުސެން

    ސާބަހޭ އުޝާމް..ތިވާހަކައަށް ހަމަ އައްސަރިބަހާ ސާބަސް