ހއ. އިހަވަންދޫ ހަދަމުންދާ ފުޓްބޯޅަ ދަނޑުގައި އެޅުމަށް ގެނައި ޓާފްރޯލްތަކެއްގައި ކަޓަރު އަޅައި ހަލާކުކޮށްލައިފިއެވެ.

އިހަވަންދޫ ކައުންސިލް މެމްބަރު މުހައްމަދު އަރީބު "ވަގުތަށް" ވިދާޅުވީ ޓާފް ރޯލްތައް ހަލާކު ކުރީ މިދިޔަ އަަންގާރަ ދުވަހުގެ ރޭ ކަމަށް ބެލެވޭ ކަމަށެވެ. ހަލާކުކޮށްފައި ވަނީ ތިން ޓާފު ރޯލެވެ.

އޭނާ ވިދާޅުވީ އެ ޓާފްތައް ދަނޑު ކައިރީގައި ބަހައްޓާފައި ހުންނަތާ ދެ އަހަރު ވަރު ވެދާނެ ކަމަށެވެ. އަދި ޓާފް ރޯލުތައް ހުރި "ވެހޭހާ އަތްވާއި ދޭހާ އަތްވަކަށް" ދޫކޮށްލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އިހަވަންދޫ ދަނޑު ހެދުމުގެ މަސައްކަތް ފެށީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އަދި އެ ދަނޑުގެ މަސައްކަތް ނިމެން ވަރަށް ކައިރިވެފައިވާ އިރު ޓާފު ރޯލު ފަތުރަން ނިންމާފައި އޮތީ މިއަދުއެވެ.

ނަމަވެސް އޭގެ ކުރިން ތިން ޓާފު ރޯލަށް ބަޔަކު ގެއްލުންދީ ވަނީ ހަލާކުކޮށްލައިފައެވެ.

އެރަށުގެ ބައެއް މީހުން ބުނާ ގޮތުގައި މިއީ ޓާފު ދަނޑު އަޅާތީ ބަޔަކަށް ހަޖަމު ނުވެގެން ކުރި ކަމެކެވެ.

"ޓާފް ދަނޑުގެ މަސައްކަތް ނިންމާލުމުގެ ފަހު މަރުހަލާ ފެށުމަށް ތައްޔާރުވެ، ދާދި އަވަހަށް ދަނޑުގައި ކުޅުމުގެ ފޮނި އުއްމީދުގައި ތިިބި އެތައް ޒުވާނުންނަކަށް ކުރި ބޮޑު ފުރައްސާރަ އެއް. ކުރި ބޮޑު ޖެއްސުމެއް ދެރަ ލަދުވެތި ހުތުރު އަމަލެއް" އިހަވަންދޫގެ މީހަކު ފޭސްބުކުގައި ލިޔެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަވި ވެހޭތަ

  2. ޅަރާ

    އެތާ އެހާ އަގުބޮޑުއެއްޗެއް ހާމަޔަށް ބަހައްޓަން ހުއްސަ ދިނީ ކާކު ؟ ކީއްވެ ؟
    ކީއްވެ ސިކިއުރިޓީއަކުނެތީ ؟
    ތިއީ ކަޓު ކާން ޖައްސާ ގޭމް. އަނެއްކާވެސް އޯޑަރކުރީމަ ފައިދާވާ ބަޔަކު ތިބޭނެ