އިކޮނޮމިކް މިނިސްޓްރީން ތިން ކުންފުންޏަކާއި ގުޅިގެން އެޕްރެންޓެސްޝިޕް ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވި ފަރާތްތަކަށް ދިމާވި ގޮން ޖެހުންތަކުން އަރައިގަނެ ވަޒީފާގެ ބާޒާރަށް ނުކުތުމުގައި ވަޒީފާއާ ގުޅުން ހުރި ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމުގެ ފުރުސަތު އެ ފަރާތްތަަކަށް މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ހިންގާ އެޕްރެންޓެސްޝިޕް ޕްރޮގްރާމެއް ކަމަށް އިިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޕްރެންޓެސްޝިޕް ޕްރޮގްރާމް ހިންގަން ސޮއިކުރި އެޗްޑީސީއާއި ވެމްކޯގެ އިތުރުން އެމްޓީސީސީއާ ގުޅިގެންނެވެ.

ކުރިއަށް އޮތް ތަނުގައި އެޕްރެންޓެސްޝިޕް ޕްރޮގްރާމް ހިންގަން އިތުރު ކުންފުނިތަކާއެކު ވެސް ސޮއިކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ކޮންސްޓްރަކްޝަން، ޓްރާންސްޕޮޓޭޝަން އާއި ލޮޖިސްޓިކްސްގެ އިތުރުން އެހެނިހެން ދާއިރާތައް ހިމެނޭ ގޮތަށް އެ އެޕްރެންޓެސްޝިޕް ޕްރޮގްރާމްގެ ދަށުން ޖުމްލަ 400 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާގެ ތަމްރީންތައް ދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އެޕްރެންޓެސްޝިޕް ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެއެވެ.