އިއްޒުއްދީން ސްކޫލުގައި މަސައްކަތްކުރި ޕްރިންސިޕަލް އިސްމާއީލް ނަސީރު އެ ސްކޫލުގައި މަސައްކަތްކުރާ ޓީޗަރުންތަކަކަށް ޖިންސީ ފުރައްސާރަކުރަމުންދާތީ 2021 ވަނަ އަހަރު އެމައްސަލަ ހުށަހެޅި ހަތަރު ޓީޗަރުންގެ ވަޒީފާ ބަދަލުކުރި މައްސަލަ ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގައި ނިންމަން ތައްޔާރުވެއްޖެއެވެ.

ޕްރިންސިޕަލް އިސްމާއީލް ނަސީރުގެ ޝަކުވާ ހުށަހެޅުމުން ލީޑިންގ ޓީޗަރުގެ މަގާމުން ބައެއް ޓީޗަރުންނަށް އިސްތިއުފާ ދިނުމަށް މަޖުބޫރުވުމުގެ ސަބަބުން ލީޑިންގ ޓީޗަރުގެ މަގާމުން ބައެއް ޓީޗަރުން ފެބްރުއަރީ 2021 ގައި އިސްތިއުފާދީ އެ މައްސަލަ ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅިއެވެ.

ސިވިލް ސާރވިސް ކޮމިޝަނަށް ހުށަހެޅި މައްސަލައާ ގުޅިގެން ސިވިލް ސާރވިސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި، އެ މައްސަލަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެވިއެވެ. އެއަށްފަހު، 27 އޭޕްރީލް 2021 ވަނަ ދުވަހު، އެ ސްކޫލުގައި މަސައްކަތްކުރާ ބައެއް ޓީޗަރުންގެ ފަރާތުން އެ މައްސަލަ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅިއެވެ.

އެ ޓީޗަރުންގެ ޤާނޫނީ ވަކީލު ގޮތުގައި ތަމްސީލްކޮށްފައިވަނީ ޕަބްލިކް އިންޓަރެސްޓް ލޯ ފާމް އިންނެވެ. 27 ޖޫން 2021 ވަނަ ދުވަހު އެ މައްސަލަ ބެލި ކޮމެޓީގެ އިއްތިފާޤުން މައްސަލަ ނިންމިފައިވާނީ، އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް އިސްމާޢީލް ނަސީރުގެ ފުށުން ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލެއް ހިންގިކަމުގައި ބުރަވެވެން އޮތްކަމަށާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފެންނަކަމަށެވެ.

އެހެންނަމަވެސް، އެ މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް އެޅި ފިޔަވަޅަކީ ކޮބާކަން އެ މައްސަލަ ހުށަހެޅި ފަރާތްތަކަށް އަންގާފައެއް ނުވާކަމަށް ޕަބްލިކް އިންޓަރެސްޓް ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެއަށްފަހު އެ މައްސަލަ ހުށަހެޅުމާއި، ހެކިބަސް ދިނުމާއި، އެ ކުށް ދެކޮޅަށް އަޑުއުފުލި ބައެއް ޓީޗަރުންނަށް ފިޔަވަޅު އަޅަން އުޅޭކަމުގެ މައުލޫމަތު ލިބިގެން އެގޮތަށް އަމަލުނުކުރުމަށް އެދި މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވަނިކޮށް، އެ މައްސަލަ ހުށަހެޅުމާއި، ހެކިބަސް ދިނުމާއި، އެ ކުށާއި ދެކޮޅަށް އަޑުއެފުލި ހަތަރު ޓީޗަރުން އެހެން ސްކޫލުތަކަށް ބަދަލުކޮށް 13 ޖުލައި 2021 ގައި ފިޔަވަޅު އަޅާފައިވެއެވެ.

އިއްޒުއްދީން ސްކޫލުގެ ހަތަރު ޓީޗަރުން އެހެން ސުކޫލުތަކަށް ބަދަލުކޮށްފައިވަނީ ޖިންސީ ފުރައްސާރަކުރި މައްސަލަ ހުށަހެޅުމުން ނޫންކަމަށް ބަޔާންކޮށް މީގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނޫސް ބަޔާނެއް ނެރިފައިވެއެވެ. އެހެން ނަމަވެސް، ޕަބްލިކް އިންޓަރެސްޓް ލޯ ފާމުން މި މައްސަލަ ދިރާސާކުރިއިރު، ހަތަރު ޓީޗަރުން އެހެން ސުކޫލުތަކަށް ބަދަލުކުރުމަށް މެދުވެރިވެފައިވާ ސަބަބަކީ ޖިންސީ ފުރައްސާރަކުރި މައްސަލަ ހުށަހެޅުމުންނާއި، އެކަމާ ދެކޮޅަށް އަޑުއުފުލުމާއި ހެކިބަސް ދިނުމުގެ ސަބަބުންކަން މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށާއި ހެއްކާއި ޤަރީނާއަށް ބެލުމުން އެނގެން އޮންނާތީ، އެ ޓީޗަރުންތައް އެހެން ސްކޫލުތަކަށް ބަދަލުކުރަން ނިންމި ޤާނޫނާއި ޚިލާފު ނިންމުން ބާޠިލްކޮށްދިނުމަށް އެދި އެ ޓީޗަރުންގެ ފަރާތުން ސިވިލް ސާރވިސް ކޮމިޝަންގެ މައްޗަށް ރައްދުވާ ގޮތަށް އެޖަމްޢިއްޔާއިން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައިވެއެވެ.

ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބުނީ މި މައްސަލައިގެ ޤާނޫނާ ޚިލާފަށް އަޅާފައިވާ ފިޔަވަޅު ސިވިލް ސާރވިސް ކޮމިޝަނުން ދިފާއުކޮށް ވާހަކަ ދެކި ނަމަވެސް، އެ ފިޔަވަޅު އަޅާފައިވަނީ ޤާނޫނާ އެއްގޮތަށްކަން ސާބިތުވާ އެއްވެސް ހެއްކެއް އަދި ޤާރީނާއެއް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މި މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިމުނުއިރުވެސް ހުށަހަޅާފައިނުވާ ކަމަށެވެ. މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އޮތީ މައްސަލަ ނިންމުން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީންނާއި ސިވިލް ސާރވިސް ކޮމިޝަނުން އިއްޒުއްދީން ސްކޫލްގައި މަސައްކަތްކުރި ހަތަރު ޓީޗަރުން އެހެން ސުކޫލުތަކަށް ބަދަލުކޮށްފައިވަނީ ޖިންސީ ފުރައްސާރަކުރި މައްސަލަ ހުށަހެޅުމުންނާއި، އެކަމާ ދެކޮޅަށް އަޑުއުފުލުމާއި ހެކިބަސް ދިނުމުގެ ސަބަބުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންކަމަށް ފެންނާތީ، އެ ޓީޗަރުންގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓްއަށް ހުށަހެޅިއެވެ.

މި މައްސަލާގައި 21 އޭޕްރިލް 2012 ގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން ކަނޑައަޅައި ނިންމާފައިވަނީ ހަތަރު ޓީޗަރުން އެހެން ސްކޫލުތަކަށް ބަދަލުކޮށްފައިވަނީ ބަދަލު ހިފުމުގެ ގޮތުންކަމަށެވެ. އަދި އެ ނިންމުމާ އަންގަންޖެހޭ އެންގުންތައް އެންގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސްޕައިޑާ

    ތި ޕްރިންސިޕަލްވާނީ ފައްޔާޒްގެ ތިމާގެ މީހަކަށް. ޔައުނީ އޭނާ އެވަނީ ސްކޫލް އަދި ސްކޫލްގެ ޓީޗަރުން ވަރަށް ގަދަޔަށް ހިންގާލާފަ. ތިފަދަ ހިންގުންތެރިން މިޤައުމަށް ބޭނުންވަނީ.

  2. ޅަރާ

    މިސަރުކާރުން ނިންމި މައްސަލައެއް ކިހިނެއް އަނބުރައި އެހެންގޮތަކަށް އެއްވެސް ކޯޓަކުން ތިކަން ނިންމާނީ.
    ކޯޓްތަކުގެ ބެލެނިވެރިކަމުގައި ތިބީ މަޖިލުސް ރައީސް، ހިސާން. މަސްތޫރު... މިއީ މދޕ މީހުން.

  3. ކާފު

    އެކަހަލަ ވާހަކަ ދެއްކީމަ އޭ ގޯސްވަނީ. ވަޒީފާ ބޭނުމިއްޔާ ތިމީހުން ހެދިހާގޮތެއް ހެދިގެން ތިބެންޖެހޭނީ.

    4
    1
  4. އަސްލުމީހާ

    އެކަހަލަ ވާހަކަ ދެއްކީމަ އޭ ގޯސްވަނީ. ވަޒީފާ ބޭނުމިއްޔާ ތިމީހުން ހެދިހާގޮތެއް ހެދިގެން ތިބެންޖެހޭނީ.

    4
    2
  5. ސާބަސް

    ނުވާނެ އެއްކަމެއްވެސް ހަމަ ވަޒީފާއިން ކަނޑާލަން ފެންނާނީ އެހެން ނޫނީ ޓްރެބިއުނަލްގެ މުވައްޒަފުންގެ ދުވަސްދާނެ އެމީހުން ނިންމާނީ ސަރުކާރާ އެއްކޮޅަށް ތިޔަބޭފުޅުންގެ ވަޒީފާ އެހެން ނޫނީ ސަލާމަތެއް ނުވާނެ ތެދުވެރި ނެތުމަކީ މިގައުމުގެ ހަލާކު