މިއަހަރު ހައްޖަށް ދިޔުމަށް ރާއްޖެ އިން ލިބެނީ 453 ކޯޓާ ކަމަށް ބުނި ނަމަވެސް ސައުދީ އަރަބިއްޔާގެ ސަރުކާރުން ރަސްމީކޮށް އެކަން އަންގާފައިނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މަސްޖިދުލް ހަރަމްގެ ޓުވިޓާ އެކައުންޓްގައި އިއްޔެ ވަނީ މި އަހަރު އެކި ގައުމުތަކުން ހައްޖަށް މީހުން ގެންދިއުމަށް ކަނޑައަޅާފައިވާ ކޯޓާގެ ލިސްޓެއް އާންމުކޮށްފައެވެ. މި އަހަރުގެ ހައްޖުގައި ބައިވެރިކުރާނެ މީހުންގެ އަދަދަކީ އެއް މިލިއަނެވެ. އޭގައިވާ ގޮތުން ރާއްޖެ އަށް ލިބެނީ 453 ކޯޓާއެވެ.

މިއީ ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެ އަށް އެހާ މަދުން ކޯޓާ ލިބުނު ފުރަތަމަ ފަހަރެވެ.

އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާގެ އަދަދު ރަސްމީކޮށް ސައުދީން ދިވެހި ސަރުކާރަށް އަދި އަންގާފައި ނުވާ ކަމަށެވެ. އަދި ސައުދީން އެކަން ހާމަ ކުރިހާ އަވަހަކަށް މީޑީއާތަކަށް މައުލޫމާތު ދޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ސައުދީ ސަރުކާރުން އެޅި ފިޔަވަޅުތައް އުވާލުމަށް ފަހު، މި އަހަރުގެ ހައްޖުގައި ބައިވެރިކުރާނެ މީހުންގެ އަދަދު ކަނޑައަޅާފައިވާ އިރު، ކޮވިޑްގެ ކުރިން ސައުދީން އާންމުކޮށް ރާއްޖެ އަށް ދެމުން އައީ އަހަރަކު 1000 ކޯޓާއެވެ. އަދި ބައެއް ފަހަރު އެއަށް ވުރެ އިތުރަށް ވެސް ކޯޓާދެއެވެ.

ލިސްޓުގައިވާ ގޮތުން މި އަހަރު އެންމެ ގިނައިން ކޯޓާ ދެނީ އިންޑޮނޭޝިއާއަށެވެ. އެއީ އެ ގައުމަށް 10،0051 ކޯޓާ ދޭއިރު، ދެވަނަ އަށް ދެނީ ޕާކިސްތާނަށެވެ. އެއީ 81،132 އެވެ. އަދި ތިން ވަނަ އަށް ދެނީ އިންޑިއާއަށެވެ. އެއީ 79،237 ކޯޓާއެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ ޖުލައި ހަތެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަލާމަތެއް ނެތް

    ސިޓީއަކުން ދަންނަވަންތޯ ޖެހޭނީ

  2. އުގުރި

    މިސަރުކާރު މިއޮތީ އަތަށް ގޮވާފަ ..