އިއްޒުއްދީން ސްކޫލުގެ ޓީޗަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވިފައިވާ ކުރީގެ ޕްރިންސިޕަލް އިސްމާއިލް ނަސީރުގެ ދިފާއުގައި ބާރުގަދަ މަޖިލިސް މެމްބަރު އެބަހުރި ކަމަށް އެ ޓީޗަރުން ބުނެފިއެވެ.

ޕްރިންސިޕަލް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ އަހަރު ކުރީކޮޅު އެވެ. އަދި އެ މައްސަލަ ހުށަހެޅުމުން އެ ޓީޗަރުން ފަހުން އެހެން ސްކޫލުތަކަށް ބަދަލުވެސް ކުރިއެވެ. އެއީ އެ ނިންމުން ނިންމީ ޓީޗަރުންގެ ކިބައިން ބަދަލު ހިފަން ކަމަށް އެ މައްސަލަ ބެލި ހިއުމަން ރައިޓްސް ކޮމިޝަންގެ ވިސްލްބޮލޯވާ ޕްރޮޓެކްޝަން ޔުނިޓުން ވަނީ ބުނެފައެވެ.

އެ މައްސަލަ މާބޮޑަށް ހޫނުވުމުން ޕްރިންސިޕަލް ވަނީ ފަހުން އަތޮޅު ތެރޭގެ ސްކޫލަކަށް ބަދަލުވެސް ކޮށްފައެވެ. އެހެން ނަމަވެސް ޓީޗަރުންނަށް އިންސާފު ނުލިބޭތީ އެ ޓީޗަރުން ވަނީ ޓްރައިބިއުނަލްއާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް މައްސަލަ ހުށަހަޅައިފައެވެ.

އެ މައްސަލަ މިހާރު އޮތީ ޓްރައިބިއުނަލްގައެވެ.

އެ ޓީޗަރުން "ވަގުތު"އަށް މައުލޫމާތު ދެމުން ބުނީ ފުރައްސާރަކުރި ކަމަށް ބުނާ ޕްރިންސިޕަލްއާ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބާރުގަދަ މެމްބަރަކާ ވަރަށް ބޮޑަށް ގުޅުން އޮންނަ ކަމަށެވެ.

"ހަމަ އަޅުގަނޑުމެންނާ ދިމާލަށް ބުނެފައި އެބަހުރި ކިތަންމެ ފަހަރަކު ތިމަންނައަކަށް ކަމެއް ނުވާނެއޭ. މިނިސްޓަރު ހުރީ ތިމަންނައާ އެއްކޮޅުގަ އޭ. މިބުނާ މަޖިލިސް މެމްބަރަކީ ވަރަށް ގާތް ބޭފުޅެކޭ" ފުރައްސާރި ލިބުނުކަމަށް ބުނާ ޓީޗަރަކު "ވަގުތު"އަށް މައުލޫމާތު ދެމުން ބުންޏެވެ.

ޓީޗަރު އިތުރަށް ބުނީ އެ މައްސަލަ އިންތިހާއަށް ދިގުލައިގެންފައިވާ އިރު އަދިވެސް އިންސާފު ލިބޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.