އިކޮނޮމިކް މިނިސްޓްރީން އަލަށް ފަށާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ފެނަކަ ވެސް ބައިވެރިވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވި ފަރާތްތަކަށް ދިމާވި ގޮން ޖެހުންތަކުން އަރައިގަނެ ވަޒީފާގެ ބާޒާރަށް ނުކުތުމުގައި ވަޒީފާއާ ގުޅުން ހުރި ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމުގެ ފުރުސަތު އެ ފަރާތްތަަކަށް މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ހިންގާ އެޕްރެންޓެސްޝިޕް ޕްރޮގްރާމްގައި މިހާތަނަށް ބައިވެރިވެފައި ވަނީ އެޗްޑީސީ އާއި ވެމްކޯގެ އިތުރުން އެމްޓީސީސީއާއެވެ.

އެ ޕްރޮގްރާމުގައި ފެނަކައާއި އެމްއޭސީއެލް ބައިވެރިވެ އެކަމާ ގުޅޭ އެއްްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ފެނަކައިން ތަމްރީންތައް ދޭނީ ކަރަންޓު ވަޔަރުކުރުމާއި މެއިންޓެނެންސްއާ ގުޅޭ މަސައްކަތްތަކެެވެ. އަދި އެމްއޭސީއެލްއިން ތަމްރީން ދޭން ނިންމާފައި ވަނީ ވެލްޑިންއާއި ރެފްރިޖިރޭޝަން އަދި އެއާ ކޮންޑިޝަން ފަދަ ދާއިރާތަކުންނެވެ.

ކޮންސްޓްރަކްޝަން، ޓްރާންސްޕޮޓޭޝަން އާއި ލޮޖިސްޓިކްސްގެ އިތުރުން އެހެނިހެން ދާއިރާތައް ހިމެނޭ ގޮތަށް އެ އެޕްރެންޓެސްޝިޕް ޕްރޮގްރާމްގެ ދަށުން ޖުމްލަ 400 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާގެ ތަމްރީންތައް ދެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.