ރިސޯޓްތަކަށް ބިޑް ކުރި ފަރާތްތައް އިއުލާން ނުކުރަނީ ސަރުކާރުން ކުރާ ވައްކަން ފޮރުވަން ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެންމެ ފަހުން ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކުގެ ތެރެއިން ތެރެއިން ބީލަން ކާމިޔާބުކޮށް ރަށްތައް ލިބޭ ފަރާތްތަކުގެ ލިސްޓު އިއުލާނުކުރާނީ ފައިސާ ދެއްކީމަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރިސޯޓު ހަދަން ހުޅުވާލި 18 ރަށުގެ ތެރެއިން، ބިޑް ކާމިޔާބުކޮށްފައި ވަނީ ހަތް ރަށަކަށް ބިޑް ކުރި ފަރާތްތަކުންނެވެ. ނަމަވެސް ބީލަން ކާމިޔާބުކުރި ކުންފުނިތަކުގެ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ޓޫރިޒަމް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

ރިސޯޓް ހަދަން ރަށްތައް ނެގި ކުންފުނިތަކުގެ މައުލޫމާތު ސަރުކާރުން ހާމަނުކުރާތީ ކަންބޮޑުވުން ފާޅުކުރައްވާ އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިސޯޓް ހަދަން ރަށްތައް ނެގުމަށް ބިޑް ކުރާ ފަރާތްތައް ސިއްރުން ކުރުން މިއީ މީގެ ކުރިން އަމަލުކުރާ ގޮތެއް ނޫން ކަމަށެވެ. "ބިޑް ހުށަހެޅި ފަރާތްތަކާއި އެފަރާތްތަކުން ހުށަހެޅި އަގުތައް އަދި ބިޑް ކާމިޔާބުކުރާ ފަރާތްތަކުގެ ނަންތައް ހާމަކުރުން އެއީ ބެސްޓް ޕްރެކްޓިސް. މިސަރުކާރުން މިވަރަށް ކަންކަން ސިއްރުކުރަނީ ސަރުކާރުތެރޭގަ ހިންގަމުންދާ ވައްކަންތައް ފޮރުވުމަށް." އުޝާމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި ލީސް އެކުއިޒިޝަން ކޮސްޓާއި ޓްރެއިނިން ފަންޑު ފައިސާ ދެއްކުމަށާއި އިނީޝިއަލް އެންވަޔަރަމަންޓު އެސެސްމަންޓު ހަދަން 60 ދުވަހުގެ މުއްދަތެއް ބިޑް ކާމިޔާބު ކުރި ފަރާތައް ލިބޭނެއެވެ. ޓޫރިޒަމް މިނިސްޓްރީން ނިންމާފައި އޮތީ އެމަރުހަލާ ނިމުމުން ކުންފުނިތަކުގެ ނަންތައް އިއުލާން ކުރާށެވެ.

ހަތް ރަށް ވިއްކާލައިގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ސަރުކާރަށް ލިބޭނެ ކަމަށް ބެލެވެނީ އެންމެ 182.4 މިލިއަން ރުފިޔާއެވެ. އަދި، ޓްރެއިނިން ފަންޑަށް ލިބޭނެ ކަމަށް ބެލެވެނީ އެންމެ 9.8 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަސީމް

    އާން ތިވާހަކަ ދައްކަން އެންމެ ތާހިރީ ކަލޭމެން މމޕރސ އިން ކަލޭމެން ކުރި ވައްކަން ގުނާ އަދަދު ނުކުރެވުނީ ބަރާބަރަށް ރިސޯރޓް ތަށް ލިބުނު މީހުން އިޢުލާނު ކުރަމުން ގެންދަމުން ގެންދިޔައީމަދޯ ؟

  2. ޙައްގުބަސް

    މިއޮތީވާ ސަރުކާރެއް އީސީ ޝަރީފްގެ އެހީއާއެކު މިރާއްޖެއަށް ގެނަސްފަ!! ހުރިހާކަމެއް ރައްޔިތުންނަށް ފޮރުވަމުންދާ ސަރުކަރެއް މިނޫނީ މިރާއްޖޭގައި ވެރިކަން ކޮށްފަ ނެތް!! އެގްރިމަންޓެއް ހެދިއްޔާ އެވެސް ހާމަކުރަން ދެކޮޅުހަދާ ފޮރުވަނީ!! ބީލަންގެ އުސޫލުންނޭ ބުނެ ރިސޯޓް ތަރައްގީކުރަން ބަޔަކަށް ރަށެއް ދިނަސް އެކަންވެސް ހާމަކުރަން ދެކޮޅުހަދާ ފޮރުވަނީ!! ގައުމުން ބޭރަށް ބޮޑެތި ވަފުދުތައް ހަދައިގެންގޮސް ދައުލަތުގެ މަލިއްޔާއިން ކުރާ ޚަރަދުތައްވެސް ހާމަކުރަން ދެކޮޅުހަދާ އެމަޢުލޫމާތުތައްވެސް ފޮރުވަނީ!! މިކަންކަން ހާމަނުކޮށް ސަރުކާރުން ފޮރުވަނީ މިކަމުގައި އެތައްބައިވަރު ގޯސްތައް ހަދާފަހުރީމަ!! އިންޑިޔާއާއެކު ހަދާފައިވާ އެގްރިމަންޓްތައް ހާމަނުކޮށް ފޮރުވަނީ އެއެގްރިމަންޓްތަކަކީ ގައުމީ ސަލާމަތައް އަދި ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާގޮތަށް ގާނޫނުއަސާސީއާއި ޚިލާފަށް ވެފައިހުރި އެގްރިމަންޓްތަކަކަށްވާތީ!! ރިސޯޓްހަދަން ދީފައިވާ ރައްތައް ދީފައިވަނީ މޭޒުދަށުން ގޯސްތައް ހަދާ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދީފައިވާތީ!! ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުޔަކުގެ ޚަރަދާ ބައިވެރިވި ވަފުދުގެ ނަންތައް ހާމަނުކުރަނީ ކަމާނުގުޅޭ އެތައް ބަޔަކު ގޮވައިގެން ދަތުރުތައްކޮށް މާލިއްޔާގެ ގާނޫނުތަކާ ޚިލާފް ޚަރަދުތައް ކޮށްފައިވާތީ!! މިފެންނަނީ ނާގާބިލް ސަރުކާރަކުން ގައުމަށާ ރައްޔިތުންނަށް ގެއްލުންދެމުންދާތަން!! މިކަންކަން މިގޮތަށްކުރުން ހުއްޓުވަންޖެހޭ އަދި ހާމަވެސް ކުރަންޖެހޭ!!

  3. ކުޅިރިހާކުރު

    އަސްލުވެސް