ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގާނޫނުގެ ތެރެއިން އެ ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އުނިކޮށްފައިވާ ބާރުތައް އަލުން ރައީސްއަށް ލިބޭ ގޮތަށް އެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ.

ސީއެސްސީގެ ރައީސްގެ ބާރުތައް ހަނިކުރީ މިދިޔަ އަހަރު އެ ގާނޫނަށް އިސްލާހު ގެނައިރުއެވެ.

ނަމަވެސް އެ ބާރުތައް އަލުން ދޭން ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި ބިލު މިއަދު މަޖިލީހުން ވަނި ފާސްކޮށްފައެވެ. އެ ބިލު ފާސްކުރީ 44 މެމްބަރުންގެ ވޯޓާއެކުއެވެ.

ސީއެސްސީގެ ރައީސްއަށް އަލުން ލިބޭ ބައެއް ބާރުތައް

  • ސީއެސްސީގެ ރައީސް އަށް ލިބޭ ބާރުތަކުގެ ތެރޭގައި ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމާއި ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން ހިމެނެއެވެ. އަދި ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން ވެސް ހިމެނެއެވެ.
  • މީގެއިތުރުން ކޮމިޝަނާއި ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި، ޒަޢާމަތު ގާއިމުކުރުން ކޮމިޝަނުގެ މަޝްވަރާގެ މަތިން ކޮމިޝަނުގެ އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލު ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް އިދާރީ ކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވެސް ސީއެސްސީގެ ރައީސްގެ ޒިންމާއެކެވެ.

ސިވިލް ސާވިސްގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރަން ނުކުޅެނދޭ ހިދު އެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރަން ޖެހޭނީ ނާއިބު ރައީސް ކަމަށް ވެސް މިއަދު ފާސްކުރި ބިލުގައި ބުނެފައި ވެއެވެ.