ރާއްޖޭގައި ހިންގާފައިވާކަމަށް ބުނާ ކޮރަޕްޝަނާއި ގުޅޭގޮތުން އަލްޖަޒީރާއިން ދެއްކި "ސްޓީލިން ޕެރެޑައިޒް" ރީ ބްރޯޑްކާސްޓުކޮށްފައިވާތީ މީޑިއާ ނެޓް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިޔާނެޓް ޖޫރިމަނާކޮށްފައި އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުންނެވެ. ޖޫރިމަނާ ކުރުމުން އިތުރުން މައާފަށް އެދި ބަޔާނެތް ނެރުމަށް ވެސް އެ ކޮމިޝަނުން ވަނީ މީޑިއާ ނެޓަށް އަންގާފައެވެ.

އެ ނިންމުން ބާތިލްކުރަން މީޑިއާ ނެޓުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް މިދިޔަ ބުރާސްފަތި ދުވަހު އިއްވާފައިވާއިރު އެ ހުކުމުގައި ވަނީ މީޑިއާ ނެޓުން ރީބްރޯޑްކާސްޓް ކުރި ޑޮކިއުމެންޓްރީ އަކީ އަބުރުގެ ގާނޫނުގެ ދަށުން ގައުމުގެ ސިޔާދަތާއި އިސްތިގުލާލަށް ގެއްލުން ހުރި ކޮންޓެންޓްތަކެއް ހިމެނޭ ޑޮކިއުމެންޓްރީއެއް ކަން ހުށަހަޅާފައިވާ ލިޔުންތަކާއި ދެ ފަރާތުގެ ބަހުން ސާބިތުވާތީ މީޑިއާ ނެޓް ޖޫރިމަނާކޮށް މާފަށް އެދުމަށް އެންގި އެންގުމަކީ ރަނގަޅު އެންގުމެއް ކަމަށް ބުނެފައެވެ.

"ސްޓީލިން ޕެރެޑައިސް" ޔޫޓިއުބުގައި އާންމު ކުރުމުން އޭރު ބްރޯޑްކޮމްއިން ވަނީ އެ ޑޮކިއުމެންޓްރީ ބްރޯޑްކާސްޓުކޮށް ނުވަތަ ރީ ބްރޯޑުކާސްޓު ކުރުމުގައި ސަމާލުވުމަށް އަންގާފައި އެވެ.

އަދި އަބުރުގެ ގާނޫނާއި ބްރޯޑްކާސްޓް ގާނޫނާއި އޭގެ ދަށުން ހަދާފައިވާ ގަވައިދުތަކާއި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު އެއްވެސް އެއްޗެއް ބްރޯޑްކާސްޓް ކޮށް އަދި ރީބްރޯޑްކާސްޓްކުރިކަން ސާބިތުވެއްޖެނަމަ އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ކޮމިޝަނުން އޮތީ އިންޒާރު ދީފައެވެ.