ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނަވާނެ ފަނޑިޔާރަކު ހޮވަން ބޭއްވި އިންތިޚާބު ފަނޑިޔާރު މުހައްމަދު ނިޔާޒް ކާމިޔާބު ކުރައްވައިފިއެވެ.

އެއިންތިޚާބުގައި ވާދަކުރެއްވީ ކޮން ފަނޑިޔާރުނެއް ކަމެއް ހައިކޯޓުން ހާމައެއް ނުކުރެއެވެ. ނަމަވެސް ހައިކޯޓުން ކުރި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ފަނޑިޔާރު ނިޔާޒް މިރޭ އިންތިޚާބުކޮށްފި ކަމަށެވެ.

ފަނޑިޔާރު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ފަނޑިޔާރު ނިޔާޒް ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަންވެސް ފަނޑިޔާރު ނިޔާޒު ކުރައްވާފައިވެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން އުފައްދާއިވާ، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު ފަނޑިޔާރަކީ، ފަނޑިޔާރު ނިޔާޒްއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގައި ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މީގެ ކުރިން ހުންނެވީ ފަނޑިޔާރު އަލީ ސަމީރުއެވެ. އޭނާ ވަނީ މިދިޔަ ހަފްތާގައި ހައިކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

ފަނޑިޔާރު ނިޔާޒް ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކުރައްވަން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމި ނަމަވެސް އޭނާ ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ވާނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ ކުރެއްވުމުންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގައި ދިހަ މެންބަރުން ތިއްބައެވެ. އޭގެތެރޭގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރާއި، ހައިކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދެން ރައްޔިތުން މަޖިލީހުން އައްޔަން ކުރާ ހަތަރު ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރަކާއި ބަންޑާރަ ނައިބެވެ. އެހެންކަމުން މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮންޓްރޯލް އޮންނަނީ އެމްޑީޕީ އަށެވެ.