އެންޓި-ކޮރަޕްޝަން ކޮމިޝަނުން 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތައް އަނބުރާ ހޯދުމަށް، ކަމާގުޅުން ހުރި އިދާރާތަކަށް އަންގައިފި ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުން ވޭދުވެދިޔަ އެއް މަސްދުވަހުގެ ތެރޭގައި ތަހްގީގުކޮށް ނިންމި މައްސަލަތަކުގައި ހިމެނޭ 1،570،814.44 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެދި ކަމާއި ގުޅުން ހުރި އިދާރާތަކަށް އަންގައިފައިވާ ކަމަށެވެ.

އޭސީސީއަށް އަލަށް އައްޔަން ކުރި މެމްބަރުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދައުލަތަށް އަނބުރާ ހޯދަން ޖެހޭ ފައިސާ ހޯދަން އިސްކަމެއް ދޭނެ ކަމަށް ބުނެފަ އެވެ. އަދި އެ މަސައްކަތް ކުރުމަށް އޮނިގަނޑެއް އެކުލަވާލުމަށް ވެސް ކޮމިޝަނުގެ މެމްބަރުން ވަނީ ނިންމާފަ އެވެ.

އޭސީސީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ ކޮމިޝަނަށް މިދިޔަ އަހަރު ޖުމްލަ ހުށަހެޅީ 782 މައްސަލަ އެވެ.

އޭސީސީން މިދިޔަ އަހަރު 588 މައްސަލަ ނިންމި ނަމަވެސް އެއީ 2020 ވަނަ އަހަރު އެ ކޮމިޝަނުން ނިންމި މައްސަލަތަކަށް ވުރެ 38 ޕަސަންޓް ދަށް އަދަދެކެވެ. އޭސީސީން 2020 ވަނަ އަހަރު ވަނީ 961 މައްސަލަ ނިންމާފަ އެވެ.

ތަހުގީގުތަކަށްފަހު އޭސީސީން މިދިޔަ އަހަރު ވަނީ 2.1 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާ ގުޅޭ އެކި އިދާރާތަކަށް އަންގާފަ އެވެ.

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އިދާރާތަކުގައި ހުންނަ މައްސަލަތައް އިސްލާހުކުރަން އެންގުމަކީ އޭސީސީން ކުރާ ކަމެކެވެ. އެގޮތުން އެފަދަ އެންގުންތަކުގެ ގޮތުގައި މިދިޔަ އަހަރު 341 އެންގުމެއް އެންގި އެވެ.

އޭސީސީން މިދިޔަ އަހަރު އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް 24 މައްސަލައެއް ބަލަން ނިންމި އެެވެ.

އޭސީސީ އަށް މިދިޔަ އަހަރު ހުށަހެޅީ 782 މައްސަލަ ކަމަށްވީ ނަމަވެސް ކުރީގެ ބައެއް މައްސަލަތަކާ އެކު މިދިޔަ އަހަރު ޖުމްލަ 806 މައްސަލަ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާލި

    ނަބީކަލޭގެފާނު މަދީނާއަށް ހިޖުރަ ކުރިއިރު މަދީނާގެ ވިޔަފާރި އޮތީ މަދީނާގައި ދިރިއުޅޭ ޔަހޫދީން ގެ އަތްމަތީގައި އަދި މަދީނާގެ ގިނަމީހުން ވީ ޔަހޫދީން ގެ އަތުން ރިބާލޯން ނަގާފައި މަދީނާގައި އޭރު ޔަހޫދީންގެ ވިޔަފާރީ ބާޒާރު ބިނާވެފައިވަނީ ރިބާ ވިޔަފާރީގެ ބާޒާރެއްގެ ގޮތުގައި، ހަމަ މިއަދުވެސް ވޯލްޑު ބޭންކާއި އައިއެމްއެފް ފަދަ ތަންތަނަކީ އޭރުގައި ވެސް ޔަހޫދީން ހިންގިފަދަ ރިބާގެ ވިޔަފާރި ހިންގާ ބާޒާރު ތަކެއް.ރައްޔިތުންނަށް ފައިދާއޮތީ ރިބާ ކެއުން ދޫކޮށްލައިގެން މަދީގައި ނަބިއްޔާ ގާއިމް ކުރިފަދަ ރިބާ ނުހިމެނޭ ވިޔަފާރި ބާޒާރެއް އުފައްދައިގެން !

  2. ޑައެލޯގް

    ނިކަމެތިނާއި ކުދިކުދި އަދި ސަރުކާރާއި ގުޅުންނެތްމީހުންގެ މައްސަލަތަކުގެ ތަހުގީގު ހިގާނެއެވެ. އިބޫގެ އަދި ސަރުކާރު ތާއިދުއޮތް އެއްވެސްމީހެއްގެ ތަހުގީގެއްނުހިގާނެއެވެ. ޒީރޯ ޓޮލަރެންސް