ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤަައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީޢަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.

މިމައްސަލައިގައި އެންމެ ފަހުން ޝަރީޢަތެއް ތާވަލް ކުރީ ޖޫން 26 ވަނަ ދުވަހު އެވެ. އެދުވަހު ވެސް ޝަރީޢަތް ވަނީ ކެންސަލް ކުރައްވާފައެވެ. މިއަދުގެ ޝަރީޢަތް ކެންސަލް ކޮށްފައިވާކަން ކްރިމިނަލް ކޯޓުން ކަށަވަރު ކޮށްދެއްވި ނަމަވެސް ޝަރީޢަތް ކެންސަލް ކުރި ސަބަބެއް ވިދާޅެއް ނުވެއެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ވަނަ ދުވަހުގެ ރޭ ނެރުނު އަމުރާއި ގުޅިގެން ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެނަމަ އެމަނިކުފާނުގެ މައްޗަށް 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ރައީސް މައުމޫންގެ މައްޗަށް ކުރާ ޓެރަަރިޒަމްގެ ދައުވާގެ ޝަރީއަތް މަޑުޖެހިފައި ވާއިރު އެމަނިކުފާނު ހައްޔަރު ކުރުމަށް ފަހު ފުލުހުންނަށް ފޯނު ދޭން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައި ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ. ރައީސް މައުމޫން މިހާރު ގެންދަވަނީ އެޙުކުމް ތަންފީޒު ކުރައްވަމުންނެވެ.

ފެބްރުއަރީ 01 ގައި ނެރުނު އަމުރާއި ގުޅިގެން ރައީސް މައުމޫންގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދަށް ވެސް ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރެ އެވެ.