އެކި ވިޔަފާރިތަކާއި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޭސްބުކްގައި ޕޭޖުތަކެއްހަދައި ޕްރޮމޯޝަންގެ ނަމުގައި ޕޯސްޓުތަކެއް ޝެއާކުރަމުންދާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު އާއްމު ކުރި ބަޔާނެއްގައި ފުލުހުން ވިދާޅުވީ އެކި ވިޔަފާރިތަކާއި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޭސްބުކްގައި ޕޭޖުތަކެއް ހަދައި ޕްރޮމޯޝަންގެ ނަމުގައި ޕޯސްޓުތަކެއް ޝެއާކުރަމުން ދިއުމުގެ އިތުރުން ހެޔޮއަގުގައި ސައިކަލު ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ޕޯސްޓުތަކެއް ވެސް ދަނީ ޝެއާކުރަމުންނެވެ. އެގޮތުން، ސައިކަލު ގަންނަން ބޭނުންވާ މީހުންގެ އަތުން އެޑްވާންސް ފައިސާ އަދި ސައިކަލުގެ ފުލް ޕޭމެންޓް ނަގަމުންދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މިފަދަ އެއްވެސްކަމެއްގައި ބައިވެރިނުވުމަށް އިލްތިމާސްކުރާ ކަމަށާއި އަދި ފޭސްބުކްގެ ތަފާތު އެކި ޕޭޖުތަކުގައި އެ ޕޯސްޓުތައް ޝެއާނުކުރުމަށްވެސް އިލްތިމާސްކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަކަރާއި ހީލަތުން އެކި ނަންނަމުގައި މީހުންގެ އަތުން ފައިސާ ހޯދުން ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް އާއްމު ވެފައެވެ. ނަމަވެސް އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްޗަށް ކުށެއް ސާބިތުވަނީ މަދު ފަހަރަކު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުއްބާ

    ހުރިހާވެސް ނުބަޔަކީ ފުލުހުން ދެއަތް އުރާލައިގެން ތަފާސް ހިސާބު ކިޔަކިޔަތިބޭތީ. ހަމައެކަނި މިދުވަނީ އަލްހާން ފަހުމީ ފަހަތުން.