ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރު ކުރި މުސާރަތަކަށް 488 މިލިއަން ރުފިޔާ ހޭދަވެގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުން ނިންމާފައި އޮތް ގޮތުން ޓީޗަރުންނާއި ޕްރިންސިޕަލުންނާއި އެޑިއުކޭޝަން ޑިވޮލޮޕްމަންޓް އޮފިސަރުންގެ މުސާރަ މި މަހުން ފެށިގެން ބޮޑުވާނެއެވެ. ފިނޭންސް މިނިސްޓްރީންނާއި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އާ މުސާރައިގެ އޮނިގަނޑުތައް އިއުލާންކޮށްފައެވެ.

އެގޮތުން ދެން އެންމެ އާދައިގެ ޓީޗަރަކަށް ވެސް މުސާރައިގެ ގޮތުގައި މަހަކު 13،266ރ. ލިބޭނެއެވެ. އަދި ގިނަ ޓީޗަރުންނަށް މަހަކު 20،000ރ. އަށް ވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ.

އޭގެ އިތުރުން އެންމެ ދަށް ރޭންކުގެ ޕްރިންސިޕަލަށް ވެސް މުސާރައިގެ ގޮތުގައި މަހަކު 30،000ރ. ލިބޭނެއެވެ. އަދި އެންމެ މަތީ ރޭންކްގެ ޕްރިންސިޕަލުންނަށް މަހަކު 35،452ރ. ގެ މުސާރައެއް ލިބޭނެއެވެ.

މުސާރައިގެ އޮނިގަނޑު އިއުލާންކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި އަހަރުގެ ބަޖެޓް އެކުލަވާލީ ވެސް މިނިމަމް ވޭޖާއި އަދި މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލަށް ރިއާޔަތްކޮށް ކަމަށާއި މި ދެކަމަށް ޖުމްލަ 500 މިލިއަން ރުފިޔާ ބަޖެޓުގެ ތެރޭގައި ހިމަނާފައިވާ ކަމަށެވެ.

އެހެންކަމުން ތައުލީމީ ދާއިރާގެ ބޭފުޅުންނަށް އިތުރުވާ މުސާރަ ބެޖެޓުގެ ތެރެއިން ދެވޭނެ ކަމަށް ވިދާޅުވިއެވެ.

"މި އަހަރުގެ ތެރޭގައި ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސްގެ ވައުދެއް. އެހެންވީމަ އަޅުގަނޑުމެން މަސައްކަތް ކުރީވެސް މި އަހަރުގެ ބަޖެޓުގައި ވެސް ހިމެނިފައި ވާނެ މިމިމަމް ވޭޖާއި އާ ފްރޭމްވޯކަށް ހިޖުރަކުރުމަށް ބަޖެޓު ކޮށްފައި ވާނީ. އިތުރު ފައިނޭންސެއް ހޯދުމަށްޓަކައި ބަޖެޓުގެ ބޭރުން މަސައްކަތެއްް ނުކުރާނެ" އަމީރު ވިދާޅުވިއެވެ.