ސަރުކާރުން ޓީޗަރުންގެ މުސާރަ އަށް ގެނައި ބަދަލާއެކު އެންމެ މަތީ ޕްރިންސިޕަލުންގެ މުސާރަ 35،452ރ. އަށް ބޮޑުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މުސާރައަށް ގެނައި ބަދަލާއިއެކުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޕްރިންސިޕަލުން ތިން ރޭންކަކަށް ބަހާލައިފައެވެ. އެގޮތުން އެންމެ ދަށް ރޭންކްގެ ޕްރިންސިޕަލްއަކަށް ވެސް ކޮންމެ މަހަކު މުސާރައިގެ ގޮތުގައި އެންމެ މަދުވެގެން 30،000ރ. ލިބިވަޑައިގަންނަވާނެއެވެ. މުސާރައިގެ އާ އޮނިގަނޑުގެ ދަށުން އެންމެ މަތީ ރޭންކްގެ ޕްރިންސިޕަލުންނަށް މުސާރައިގެ ގޮތުގައި 35،000ރ. ލިބިވަޑައިގަންނަވާނެއެވެ.

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތައް ހާމަކުރުމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އަމީރު ވިދާޅުވީ ރޭންކް އެކެއްގައި މިހާރު ވެސް 127 ޕްރިންސިޕަލުން މަސައްކަތް ކުރާ ކަމަށެވެ. އެ ޕްރިންސިޕަލުން ކުރިން ގެއަށް ގެންދާ މުސާރައަކީ 16،796ރ.އެވެ.

މުސާރައަށް ގެނައި ބަދަލާއެކުގައި އެ ޕްރިންސިޕަލުން ގެއަށް ގެންދާ މުސާރައަކަށްވާނީ 30،610ރ.އެވެ. މިނިސްޓަރު އަމީރު ވިދާޅުވީ މި ބަދަލާއެކު ރޭންކް އެކެއްގައި މަސައްކަތް ކުރަމުންދާ ޕްރިންސިޕަލުންގެ މުސާރަ 82 އިންސައްތައަށް އިތުރުވެގެންދާނެ ކަމަށެވެ.

އަމީރު ވިދާޅުވި ގޮތުގައި ރޭންކް ދޭއްގައި 48 ޕްރިންސިޕަލުން މަސައްކަތް ކުރެއެވެ. އެ ޕްރިންސިޕަލުން ކުރިން ގެއަށް ގެންދާ މުސާރައަކީ 17،985ރ.އެވެ. އާ ބަދަލާއެކު އެ ޕްރިންސިޕަލުން 33،075ރ. ގެއަށް ގެންދާނެއެވެ. އަމީރު ވިދާޅުވި ގޮތުގައި މިއީ 59 އިންސައްތައިގެ އިތުރުވުމެކެވެ.

އަމީރު ވިދާޅުވީ ޕްރިންސިޕަލް ރޭންކް ތިނެއްގައި އެއްވެސް ބޭފުޅަކު މަސައްކަތް ނުކުރާ ކަމަށާއި އާ ބަދަލާ އެކުގައި އިތުރަށް ކުރިއެރުމުގެ ފުރުސަތު ޕްރިންސިޕަލުންނަށް އޮންނާނެ ކަމަށެވެ. ރޭންކް ތިނެއްގެ ޕްރިންސިޕަލަކަށް ލިބިވަޑައިގަންނަވާނީ 35،452ރ.އެވެ.

ޕްރިންސިޕަލުންގެ މުސާރައަށް އައި ބަދަލާއެކުގައި އަހަރެއްގެ މައްޗަށް 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަމައެކަނި އެބޭފުޅުންގެ މުސާރައަށް ހޭދަވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ޑެޕިއުޓީ ޕްރިންސިޕަލުންނަށް މުސާރަ ދޭނީ ދެ ރޭންކަކަށް ބަހާލައިގެން ކަމަށެވެ.

ފުރަތަމަ ރޭންކްގައި ފަސް ޑެޕިއުޓީ ޕްރިންސިޕަލުން މަސައްކަތް ކުރަމުންދާ އިރު، އެ ފަރާތްތަކަށް ކުރިން ލިބެމުން އައީ 13،079ރ. ކަމަށް އަމީރު ވިދާޅުވިއެވެ. އާ ބަދަލާއެކު އެ ޕްރިންސިޕަލުންނަށް 23،240ރ. ލިބިވަޑައިގަންނަވާނެއެވެ. މިއީ 78 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އަމީރު ވިދާޅުވިއެވެ.

ޑެޕިއުޓީ ޕްރިންސިޕަލް ރޭންކް ދޭއްގައި މިހާރު 44 ބޭފުޅުން ތިއްބަވައެވެ. އެވްރެޖްކޮށް އެ ޕްރިންސިޕަލުން ގެއަށް ގެންދަވަނީ 16،830ރ.އެވެ. އާ ބަދަލާއެކު އެ ޕްރިންސިޕަލުން 26،023ރ. ގެއަށް ގެންދެވޭނެއެވެ. މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި މިއީ 55 އިންސައްތައިގެ ކުރިއެރުމެކެވެ.

އަދި ހަމައެކަނި ޑެޕިއުޓީ ޕްރިންސިޕަލުންނަށް 4.4 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އެކިއެކި ރޭންކުތަކުގެ މުވައްޒަފުންނަށް ލިބޭނެ މުސާރައިގެ މިސާލެއް ދައްކަވައިފައެވެ. އެކި ރޭންކުތަކުގައި ތިއްބަވަނީ އެކު ބޭފުޅުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ފަރާތްތަކުގެ މުސާރައަށް އަންނަ ބަދަލު ވެސް ތަފާތު ވާނެ ކަމަށެވެ.

މިނިސްޓަރު ދެއްކެވި މުސާރައިގެ މިސާލުތައް:

  • ރ. ފައިނުގެ ޕްރިންސިޕަލަށް މިހާރު ލިބެނީ މުސާރައިގެ ގޮތުގައި 14،800ރ.
  • ބަދަލާއެކު 30،000ރ. ލިބޭނެ، މިއީ 102.7 އިންސައްތައިގެ ކުރިއެރުމެއް.
  • ސ. ހިތަދޫ ސްކޫލްގެ ޕްރިންސިޕަލަށް މިދިޔަ މަހު ލިބިވަޑައިގަތީ 27،896ރ.
  • އާ ބަދަލާއެކު، 37،075ރ. ލިބޭނެ، މިއީ 32.90 އިންސައްތައިގެ ކުރިއެރުމެއް.
  • ހުރަވީ ސްކޫލްގެ ޕްރިންސިޕަލަށް މިދިޔަ މަހު ލިބިވަޑައިގަތީ 27،663ރ.
  • އާ ބަދަލާއެކު 38،075ރ. ލިބޭނެ. މިއީ 37.64 އިންސައްތައިގެ ކުރިއެރުމެއް.

ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރައަށް އައި ބަދަލުތަކުގެ މިސާލެއް ވެސް މިނިސްޓަރު ވަނީ ދެއްވައިފައެވެ.

  • މިނިސްޓަރު ދެއްކެވި މުސާރައިގެ މިސާލުތައް:
  • ތާޖުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މިދިޔަ މަހުގެ މުސާރައަކީ 19،000ރ.
  • އާ ބަދަލާއެކު 26،000ރ. ގެއަށް ގެންދަން ލިބޭނެ. މިއީ 36.84 އިންސައްތައިގެ ކުރިއެރުމެއް

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ސަރުކާރުން ބޮޑު ބަދަލެއް މި ގެނައީ މުސާރަ ކުޑަވުމުން އެކަމާއި ނުރުހި ޓީޗަރުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާތާ ދުވަސްތަކެއް ފަހުންނެވެ.

މުސާރަ ބޮޑުވި ކަމުގެ އުފާވެރިކަން ތައުލީމީ ދާއިރާއާ ހިއްސާކުރައްވަން ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ބުރަ މަސައްކަތްތަކާ އަޅާބަލާއިރު ކުޑަ މުސާރައެއްގައި ތިބޭތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ.

އަދި ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލު ގަބޫލު ކުރައްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮންމެ ގައުމެއްގައި ވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އިތުރުވުން ބިނާވެފައި އޮންނަނީ، އެ ގައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާކުރެވޭ ހަރުދަނާ ކަމެއްގެ މައްޗަށެވެ. ރާއްޖޭގައި ވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުލާ ބަޔަކީ ޓީޗަރުން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަން

    މަޖިލީސް މެމްބަރުންނައް ބަލާފަ ހާދަ ދަށޭ ކަމެއްނުކޮއް 80000

    18
    2
    • ޅަދު

      ރިސޯޓް ވެއިޓރުން ވެސް ... މުސާރަ، ސާވިސް ޗާޖް ، ޓިޕްސް އެއްކޮށް ... 35000 ގެޔަށް ގެންދޭ.... މާސްޓާސް ހަދާފަ ޕްރިންސިޕަލުންގެ މުސާރަ 35،452ރ. އަށް ބޮޑުކޮށްފި ބުނީމަ ލަދު ކޮބާ؟؟؟

      8
      2
    • ސައްލެ

      ނުކިޔަވާ އުޑެއް ބުޑެއް ނޭންގޭ ވަކަރުގޭ މަޖިލިސް މެންބަރުންނަށް 800000 ރ ކިޔަވާގެން ތިބޭ ޓީޗަރުންނަށް ތިލިބެނީ ހައްޕުޑު

  2. މޮހޮރޮތަޅާ

    ދެންކޮންމެވެސް ވަރެއް ކޮއްދީފިތާ ސުކުރަން

    8
    3
  3. ކަޅުހެދުން

    ކަޅުހެފުން ލާގެން ކިޔަވާދިނީމާ އޭގެ ރަގަޅު އަސަރުވެސް ކޮށްފިތާ

    6
    1
  4. ޔާފު

    މުށަރައައް އައި ހެޔޮބަދަލާއެކު ކަމުނުދާ ޕުރިންސިޕަލުން ބޭރުކުރަން ޖެހޭ ހަނިމާދޫ ޕުރިންސްޕަލަކީ ބޭރު ނުކުރެވިފަ ހުރިމީހެއް

    11
    • ރަނގަޅު ވާހަކައެއް

      ހިރިޔާ ސުކޫލުގެ ހުންނަ ޕްރިންސިޕަލް ވެސް

      4
      1
  5. ޢެޑްމިން

    ތައުލީމީ ދާއިރާގެ ތެރޭގައި ހިމެނެނީ ސުކޫލްތަކުގެ އެޑްމިންސް، ލައިބްރެރިއަން، ކައުންސެލަރ، ޕްރިންޓަރ، އަދި މަސައްކަތުމީހުންވެސް. ހަމައެކަނި ޓީޗަރުންގެ ވޯޓުހޯދަން ތަ އމީހުންނަށް މުސާރަ މަތިކުރީ. ވޯޓައްނާންނާތި ޓީޗަރުންގެ މުސާރަ އެކަނި ބޮޑުކޮއްފަ

  6. ރަނގަޅު ވާހަކައެއް

    ހިރިޔާ ސުކޫލުގެ ހުންނަ ޕްރިންސިޕަލް ވެސް

  7. އިބޫ ހޯލިސް

    ޔުނިވަރސިޓީގައި މަސައްކަތްކުރާ ލެކްޗަރައިންނަކީ "ގައުމު ބިނާ ކުރުމުގައި" ހިއްސާވާ ބަޔަކަށް ނުވާތީބާ އެމީހުންގެ މުސާރައަށް އެއްވެސް ކުރިއެރުމެއް ނައިސްގެން މިއުޅެނީ

  8. ހަނު

    ހަމައެކަނި ޕުރިންސިޕަލުންނާއި ޓީޗަރުންތަ ސުކޫލްތައް ހިންގަނީ ކޮބާ އިދާރީ މުވައްޒަފުން ކުރާ މަސައްކަތް.. އެމީހުންގެ ހައްޤުތައް…