މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދިހަވަނަ ޖަލްސާގައި މުހިންމު ތިން ކަމެއް މަޖިލީހުގެ ތަޅުމަށް ހުށައަޅައިފިއެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަންއަށް މެންބަރަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކޮށް އެ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.

އަދި މީގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާ ( ޕީއެސްއެމްގެ) ގަވައިދަށް އިސްލާހް ގެނެވުމުގެ ބިލް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއިން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށައެޅިފައިވާއިރު އެ ބިލުގެ ބަހުޡް މަރުހަލާގައި ވާހަކަ ދައްކާފައިވަނީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު އެކަންޏެވެ.

ބިލަށް ވާހަކަ ދައްކަމުން ނިހާން ވިދާޅުވީ މީޑިއާއަށް މުހިންމު ވާން ޖެހޭނީ ކުޅިވަރާއި މުނިފޫހިފިލުވުން އެކަނި ނޫން ކަމަށާއި ދިވެހިންގެ ތާރީހާއި އާދަކާދައާއި ބެހޭ ކަންކަން މީޑިއާގެ ޒަރީއާއިން ގެނެސް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ގައުމީ ބޮޑެތި ދުވަސްތަށް ޓީވީ ޗެނަލްތަކުން ގެނެސްދޭން ޖެހޭނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

އަދި ޕީއެސްއެމްގެ ގާނޫނަށް އިސްލާހް ގެނެވުމުގެ ބިލާއި އެކު ޕީއެސްއެމްގެ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގައިވެސް ނިހާން ވިދާޅުވިއެވެ.

މިއަދު އެންމެ ފަހުން މަޖިލީހުގެ ތަޅުމަށް ހުށައެޅިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހް ގެނެވުމުގެ ބިލް މިނިވަން މުވައްސަލާސަކުން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓެވެ.

އެ ބިލުގެ ބަހުޡް މަރުހަލާ ނިންމާލައިފައިވަނީ އެއްވެސް މެންބަރަކު އެ ބިލަށް ބަހުޡް ކުރުމަށް ފުރުސަތަށް އެދިފައި ނުވުމުންނެވެ.

އިސްވެ ދިޔަ ތިން ކަންތައްތަކަށް ވޯޓަށް އެހުން މިއަދު މެންދުރު ފަހު 13:20 ގައި އޮންނަ ޖަލްސާގައި އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު