ކުއްޖަކު ވިހާފައި މަރާލި މައްސަލައިގައި ހިމެނޭ ދެމީހަކު ގޭބަންދަށް ދޫކޮށްލަން ކްރިމިނަލް ކޯޓުން ދެންމެ އަމުރު ކޮށްފިއެވެ.

ވިހާފައި ކުއްޖަކު މެރި މައްސަލައިގައި މީގެ ފަސް އަހަރު ކުރިން ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ތިއްބާ މިއަދު ގޭބަންދަށް ދޫކޮށްލަން އަމުރު ކުރީ ސ.މަރަދޫ ޝޯމްރޮކް އައިމިނަތު ޝާހީ އާލަމް އާއި ސ.މަރަދޫފޭދޫ ފިނިފެންމާގޭ އިބްރާހިމް ވިސާމް އެވެ.

މިއަދު ގޭބަންދަށް ދޫކޮށްލި އައިމިނަތު ޝާހީ އާލަމް އަކީ މަރާލި ކުއްޖާގެ މަންމަ އެވެ. ވިސާމް އަކީ އައިމިނަތު ޝާހީ އާލަމްގެ ފިރިމީހާ އެވެ.

ޝާހީ އާލަމް އަށް ލިބުނު ދަރިފުޅު ވިހެއުމަށް ފަހު ވަޅުލި އިރު ވެސް އެދެމީހުން އުޅެނީ ކައިވެނި ކޮށްގެންނެވެ. ދެމީހުން ބައިވެރިވެގެން ކުއްޖާ ވަޅުލީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ.

މި ދެމީހުން ގޭބަންދަށް ބަދަލުކުރަން ޝަރީއަތުން ނިންމެވީ، މި މައްސަލައަކީ ތަފާތު ސަބަބުތަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ނުނިމި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސައަކަށްވާތީއެވެ. މި މައްސަލައިގައި ވިސާމް ހައްޔަރު ކުރީންސުރެ މިއަދާ ހަމައަށް ހުރީ ޖަލު ބަންދުގައެވެ. އަދި ޝާހީ މީގެ ކުރިން ގޭބަނދުގައި ބެހެއްޓުމަށްފަހު މިހާރު ހުރީ ޖަލު ބަންދުގައެވެ. މި ދެ މީހުން ޖަލު ބަންދުން ދޫކޮށްލައިދިނުމަށް ޝަރީއަތުގައި އެދުމުން ގާޒީ ވަނީ މިކަމުގައި ދައުލަތުގެ ވަކީލުން ދެކިލައްވާގޮތް ސާފުކޮށްފައެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ، ޝާހީ ގޭބަންދުގައި ބެހެއްޓުމަށްފަހު ޖަލަށް ބަދަލުކޮށްފައިވަނީ ޝަރީއަތަށް އެކަށީގެންވާ ވަރަށް އެއްބާރުލުން ދީފައި ނުވާތީއާއި ފިލައިގެން އުޅޭތީކަމަށް މައްސަލަ ތަހްޤީގުކުރި ފުލުހުންގެ އިންވެސްޓިގޭޓިންގ އޮފިސަރ ދައުލަތަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ދައުލަތުން ވިދާޅުވީ މައްސަލައިގެ ޝަރީއަތް މިހާ ދިގު ދެމިގެން ގޮސްފައިވާތީއާއި، މީގެ ކުރިން ސިއްރު ހެކިންގެ ހެކިބަސް ނަގާ ނިމިފައި ނުވާތީ ޖަލުގައި ބަހައްޓަން ދައުލަތުން އެދުނު ނަމަވެސް، ސިއްރު ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާތީ މިހާރު މި ދެ މީހުންވެސް ގޭބަންދަށް ބަދަލުކުރުމާމެދު ދައުލަތުން އިއުތިރާޒު ނުކުރާ ކަމަށެވެ.

ގޭބަންދަށް ބަދަލުކުރަން ނިންމަމުން ގާޒީ ވިދާޅުވީ، ދައުވާ ލިބޭ ދެފަރާތުގެ ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު، އަދި މި މައްސަލައަކީ 2013 ވަނަ އަހަރު ހުށަހެޅިފައިވާ މައްސައަކަށްވާއިރު، މައްސަލައިގައި ހިމެނޭ ސިއްރު ހެކިންނާއި، ދައުލަތުން ހުށަހެޅި އެހެނިހެން ހެކިވެރިންގެ ތެރެއިން އެންމެ ހެއްކެއްގެ ފިޔަވައި އެހެން ހެކިވެރިންގެ ހެކިބަސް ނަގާ ނމިފައިވާތީ، މި ދެ މީހުން ގޭބަންދަށް ދޫކޮށްލުމަށް ދައުލަތުންވެސް އިއުތިރާޒު ނުކުރާތީވެ ދެ މީހުން ޝަރީއަތް ނިމެންދެން ގޭބަންދަށް ދޫކޮށްލުމަށް އަމުރު ކުރައްވާ ކަމަށެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަކީ މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލި ގަސްތުގައި ކުއްޖަކު މެރުމުގެ ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ފުލުހުންގެ ތެރެއިން ދެ ފުލުހެއްގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. ހެކިބަސް ދެމުން ހާދިސާ ހިނގިއިރު އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރި ފުލުހެއް ކަމަށްވާ މުޙައްމަދު އިމާދު ހެކިބަސް ދެމުން ބުނީ، ހާދިސާ ހިނގި ރޭ ސ.މަރަދޫފޭދޫ، ބީޗް ހައުސްއާ ދިމާލު އަތިރިމަތީގައި ކުއްޖަކު ވަޅުލާފައިވާ ކަމުގެ ރިޕޯޓް ލިބުމުން އެ ސަރަހައްދަށް ފަސް ފުލުހުންގެ ޓީމެއް ދިޔަ ކަމަށާއި، ބައްތި އަލިކޮށްގެން ބެލި ބެލުމުން އެ ސަރަހައްދުން ކޮނެފައިވާ ތަނެއް ފާހަގަކުރެވިގެން ކޮނެގެން ބެލިއިރު ފޫޓެއްހާ ތަނު އަޑިން ފިޔާތޮށި ކުލައިގެ ޓީސާޓެއް ފެނުނު ކަމަށެވެ.

އަދި އެ ޓީޝާޓް ނަގާ ބެލިއިރު ޓީޝާޓް ތެރޭގައި ފެން ދުލީގެ ތެރޭގައި ކުޑަކުއްޖަކު އޮތް ކަމަށާއި، އެ ކުއްޖާ ވަނީ ގާތްގަނޑަކަށް ހަތަރު އިންޗި ވަރު ކަމަށެވެ. މީގެ އިތުރުން އެ ކުއްޖާ ނެގިއިރު ވިންދު ޖަހާކަން އެނގުނު ކަމަށާއި، ކުއްޖާ ފެނުނުތާ 15 ވަރަކަށް މިނެޓް ތެރޭގައި ސ.ހިތަދޫ ހޮސްޕިޓަލަށް ކުއްޖާ ގެންދިޔަ ކަމަށްވެސް އިމާދު ހެކިބަސް ދެމުން ބުންޏެވެ.

މިއަދު ހެކިބަސް ދިން ދެވަނަ ފުލުސް، އިބްރާހިމް ރަޝީދު ހެކިބަސް ދެމުން ބުނީ، ސީންއަށް ދިޔައީ އޭނާގެ އިތުރުން އިމާދުއާއި، ސަޒަން، ޝިފާޤް އަދި ޞަބާޙް ކަމަށެވެ. އަދި ފޫޓަކަށްވުރެ ކުޑަ ކުއްޖާ ފެނުނީ ކޮނެގެން ފެނުނު ޓީޝާޓްގެ ތެރެއިން ކަމަށާއި، ފެނުނު ކުއްޖާގެ ހަރަކާތެއް ހުރިކަން ނުވަތަ ނެތްކަން ނޭނގޭ ކަމަށެވެ. ފެންދުލި ފަޅާލީ ހޮސްޕިޓަލުގެ ނަރުހުން ކަމަށްވެސް އިބްރާހިމް ރަޝީދު ހެކިބަސް ދެމުން ބުންޏެވެ.

ކުއްޖާ ވަޅުލާފައިވަނީ ނައިޓްރޯޒް ކިޔާ ގެއާ ދިމާލު އަތިރިމަތީގައި ކަމަށާއި، އެ ކުއްޖާ ވަޅުލީ، އަދި އެއީ ކާކުގެ ދަރިއެއްކަންވެސް ނޭނގޭކަމަށް އޭނާ ހެކިބަސް ދެމުން ބުންޏެވެ.

މިއަދުގެ ޝަރީއަތް ނިންމާލަމުން ގާޒީ ވިދާޅުވީ، ދެން އޮންނަ ޝަރީއަތެއްގައި އޮންނާނީ ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މިހާތަނަށް ހެކިބަސް ނެގިފައި ނުވާ ހެކިވެރިޔާގެ ހެކިބަސް ނެގުން ކަމަށާއި، އެއަށްފަހުގައި ދިފާއުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

އަދި ގޭބަންދަށް ބަދަލުކުރި ދެ މީހުން ދިރިއުޅޭ އެޑްރެސް އާއި ފޯން ނަންބަރު ބަދަލުވާނަމަ އަދި ދައުވާލިބޭ ފަރާތެއްގެ ވަނަވަރު ބަދަލުވެފައިވާނަމަ އެކަން ކޯޓަށް އެނގުމަށްވެސް ގާޒީ އެންގެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރޯ

    ސަޅި!

  2. މަންތިރި

    ރނަގަޅު ގޮތަކީ ގޭ ބަންދަށް ބަދަލުކޮށްފި. ދޫކޮށްލައިފިޔޭ ބުނީމަ މިނިވަންކުރީ.