މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބްރޯޑްކޮމްއިން ރޭ ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓައި އަދި ގައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިން ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، އެ ސިނާއަތުގެ ތަރައްގީއަށް މަގުފަހިކޮށް ހިތްވަރުދިނުމުގެ ގޮތުން، "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022" ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެ އެވޯޑަށް ހުށަހަޅާ ހުށަހެޅުންތަކަކީ 1 ޖެނުއަރީ 2017 އިން ފެށިގެން 31 ޑިސެމްބަރު 2021 އަށް ބްރޯޑްކާސްޓްކޮށްފައިވާ ޑޮކިއުމެންޓްރީއެއް ކަމުގައިވާންވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

އޭގެ ތެރޭގައި ނިއުސް ބުލެޓިން، ހަފުތާގެ ހަބަރުގެ ޕްރޮގްރާމް/ޝޯ، ވަގުތުން ގެނެސްދޭ ބްރޭކިން ނިއުސްގެ ރިޕޯޓު ނުވަތަ ވަކި މައުލޫއަކަށް ގެނެސްދޭ ހަބަރުގެ ޕްރޮގްރާމު ހިމެނިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމަށް ނިންމާފައިވަނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ ޕްރޮޑަކްޝަން, ނޫސްވެރިކަމުގެ ދާއިރާ އަދި އިންޑަސްޓްރީއަށް ދޭ އެވޯޑުތަކެވެ. ކޮންމެ ދާއިރާއަކުން ވެސް ވަކިވަކި އެވޯޑުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

އެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ބްރޮޑްކޮމްއިން ވަނީ ހުޅުވާލާފަ އެވެ.

އެ ވޯޑުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެވޯޑުތައް ދިނުމުގައި ބަލާނެ ކަންކަން ވެސް ބްރޯޑްކޮމް އިން ވަނީ އިއުލާންކޮށްފައެވެ. މިއީ ބްރޯޑްކޮމް އިން އެވޯޑެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަރާން

    ބިންގާ ތަޅައި ވެއްޓުމަށްފަހު އިމާރާތެއް ކުރަން މަސައްކަތްކުރުމުގެ އަނެއް މިސާލު! ތިބޭފުޅުން 2017ޔާ ހަމަޔަށް ގެނެސްދިން މީހުންގެ އަގު ވަޒަންކުރުން ކޮބާ؟؟؟