މަޖިލީހުގެ މެމްބަރުންގެ އަދަދު ހަމަނުވެގެން މިއަދުވެސް ވޯޓަށް އެހުން ކެންސަލްކޮށްފި އެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަންއަށް މެންބަރަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކޮށް އެ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް މިއަދު މެންދުރުކުރިން ބޭއްވުނު ޖަލްސާގައި ނިންމާފައިވާއިރު އެކަށީގެންވާ އަދަދަށް މެންބަރުން ހާޒިރުވެ ނެތުމުން އެ ނަންފުޅަށް ރުހުން ހޯދުމަށް ވަނީ ވޯޓަށް ނޭހިފައެވެ.

އަދި މީގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާ ( ޕީއެސްއެމްގެ) ގަވައިދަށް އިސްލާހް ގެނެވުމުގެ ބިލް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއިން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށައެޅިފައިވާއިރު އެ ބިލަށްވެސް ވޯޓަށް އެހޭގޮތް ނުވެފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހް ގެނެވުމުގެ ބިލް މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް މިއަދު ހުށައަޅާފައިވާއިރު އެ ބިލަށް ވޯޓަށް އެހުންވެސް ވަނީ ފަސްކޮށްފައެވެ.

މިއަދުގެ ޖަލްސާގައި މުހިންމު ދެ ބިލަކަށް ވޯޓަށް ނޭހި ، ވޯޓަށް އެހުން ފަސްކުރަން ޖެހިފައިވާއިރު މަޖިލިސް ނިންމާލަމުން މަޖިލީހުގެ ރައީސް އަހުމަދު މަސީހް ވިދާޅުވީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތަށް މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަޑައިގެން ވޯޓުގައި ބައިވެރިވުމަށް އެދޭކަމަށެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުން

    ކީއްކުރަން ހަމަކުރާ ވަކި ޢަދަދެއް - ހާޒިރުވި ބަޔަކާއެކު ކުރިއަށް ގެންދިޔައިމާ ހުންނާނީ ރަނގަޅަށް - ތިޔަ ތަނުން ހަދާ ގާނޫނު ތަސްދީޤު ކުރަން ހުންނާނީ ރާއްޖޭގެ ޖުމްލަ ރައްޔިތުން އިންތިޚާބު ކުރި ވެރިމީހާ އޭނާ ތަސްދީޤު ކުރީމާ އެނިމުނީ. ކުރިއަށް ބާރަށް ކުރިއަށް ދާންވީ.