ހުޅުމާލޭ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި ލައްކައަކަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވެރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވީ، މިދިޔަ މަހުގެ އެއް ވަނަ ދުވަހު އޯޝަން ސަވެއަރ ނަމަކަށް ކިޔާ އުޅަނދެއް ހުޅުމާލޭގެ އިރުމަތިފަރާތު ފަރުބޭރުގައި ސަރވޭތަކެއް ކުރަމުން ދަނިކޮށް ފަރަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ އިރުމަތިފަރާތު ފަރުބޭރުގައި ސަރވޭތަކެއް ކުރަމުން ދަނިކޮށް އެ އުޅަނދުގައި ބޭނުންކުރަމުން އައި HiPAP ސިސްޓަމްގެ USBL ޕޯލްއާއި އެ އުޅަނދުގައި ހަރުކޮށްފައި ހުރި މަލްޓިބީމް އިކޯސައުންޑަރު އެ ފަރުގައި ޖެހިފައިވާކަން އެ ފަރާތުން އެ އެޖެންސީއަށް އަންގިއެވެ.

އެހެންވެ، އެމްއެންޑީއެފްގެ ކޯސްޓްގާޑާ ގުޅިގެން އެ އެޖެންސީން މިދިޔަ މަހުގެ 13 ވަނަ ދުވަހު އެސަރަހައްދަށް ފީނައިގެން ކުރި ސަރވޭގައި ފަރަށް ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެވިފައިވާކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

ހުޅުމާލޭގެ ފަރަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުން ވަނީ އެއްލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ބާރަ ރުފިޔާ ހަތްދިހަ ތިންލާރި، އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައެވެ. އަދި، 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މިދިޔަ އަންގާރަ ދުވަހު އަންގާފައިވާނެ ކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙުރަވީ

    ކީއްވެބާ ސިފައިންގެ އާލާތްތައް ބޭނުންކޮށްގެން ތިމަސަައްކަތް އެޗްޑީސީއަށް ހިލޭ ސާބަހަށް ކޮށްދިނީ!

  2. ހުސޭނުބޭ

    އިންޑިޔާ ބޯޓެއްވީމާ ޖޫރިމާނާއަށް އެއްލައްކަ ރުފިޔާ. އެހެން ބައެއްނަމަ އެއް ،ިލިއަން ޑޮލަރު. މިހުރީ އިންސާފު ހުންނަ މިންވަރު.