ސީރިޔާ ހަނގުރާމައަށް ދިޔަ މީހަކު ޖަލު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެގޮތުން ޝަރީއަތް ނިމެންދެން މާލެ ބަންދަށް ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވަނީ ރ.ކަނދޮޅުދޫ، ކަށިމާގެ، އަލީ ޝަފީގުއެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އިބުތިދާއީ އަޑުއެހުމުގައި ޢަލީ ޝަފީޤްގެ ދިފާއީ ވަކީލު ވިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން މިއަދާ ހަމައަށް ޢަލީ ޝަފީޤް ހުރީ ޖަލު ބަންދުގައި ކަމަށާއި، ވޭތުވެދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައި ނުވާއިރު، ޢަލީ ޝަފީޤަކީ ހަކުރު ބަލި ހުންނަ މީހައް ކަމަށާއި، ބަލަންޖެހޭ ދަރިއަކާއި އަނތްބެއް ހުރި ކަމަށެވެ. އެހެންކަމުން އޭނާގެ ބަންދަށް ލުޔެއް ދެއްވުން އެދޭ ކަމަށް ވަކީލު ވިދާޅުވިއެވެ.

ޝަރީއަތުގައި ޢަލީ ޝަފީޤް ބުނީ، އޭނާއަކީ ހަކުރު ބަލި ހުންނަ މީހަކަށްވާއިރު، ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ 9 މަސް ވެފައިވާ ކަމަށާއި، އޭނާގެ ފަރާތުން ދިވެހި ދައުލަތާއި ދިވެހި ރައްޔިތަކަށް ނުރައްކަލެއް އަދި އިސްލާމް ދީނާ ޚިލާފު އެއްވެސް ކަމެއް ކުރިމަތިވެފައި ނުވާނެ ކަމަށާއި، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއްގެ ވާހަކަ ދައުލަތުން ބުނެފައިވާއިރު އެ މައްސަލަތަކީ އޭނާގެ ކުށެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ މައްސަލަތަކަކަށްވާތީ، ޝަރުތު ތަކަކާއެކު ނަމަވެސް ޖަލު ބަންދުން މިނިވަންކޮށްދިނުމަށް އެދޭ ކަމަށެވެ.

ބަންދާމެދު ވާހަކަ ދައްކަމުން ދައުލަތުގެ ވަކީލު ސީނިއާ ޕަބްލިކް ޕޮރޮސެކިއުޓަރ އަޙްމަދު ތައުފީޤް ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި ޢަލީ ޝަފީޤް ގޭބަންދަށް ބަދަލުކޮށްފައިވާ ނަމަވެސް، އަލުން ޖަލު ބަންދަށް ބަދަލުކޮށްފައިވަނީ ތަކުރާރުކޮށް ގެއިން ނިކުންނާތީ ކަމަށެވެ. އެހެންކަމުން ޢަލީ ޝަފީޤް ގޭބަންދަށް ބަދަލު ކުރުމަށް ދައުލަތުން އިންކާރު ކުރައްވާ ކަމަށް ތައުފީޤް ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި ޢަލީ ޝަފީޤްވެ ވަކީލު ވިދާޅުވީ، ޝަފީޤް އަލުން ޖަލަށް ބަދަލުކުރިތާ މިއަދަށް 9 މަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި، އަނބި ދަރިން ބެލެހެއްޓުމަށް ޢާމްދަނީ ހޯދުމަށް މަސައްކަތް ކުރެވޭނެ ގޮތަކަށް ޖަލު ބަންދުން މިނިވަން ކޮށްދިނުން އެދޭ ކަމަށެވެ.

ދައުވާ ލިބޭ ޢަލީ ޝަފީޤް އަދި އޭނާގެ ވަކީލުގެ އިތުރުން ދައުލަތުގެ ވަކީލުގެ ވާހަކަތަކަށް ރިއާޔަތް ކުރައްވާ މައްސަލަ ބައްލަވާ ގާޒީ ނަޖީބު ވިދާޅުވީ، ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ކޯށްފައިވާ އަމުރު ބާތިލުކޮށް، މާލެއިން ފުރައިގެން ނުދިއުމަށާއި، ކޯޓަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް ޢަލީ ޝަފީޤް ޖަލުބަންދުން މިނިވަން ކޮށްފައިވާ ކަމަށެވެ.

ދައުލަތުން ޢަލީ ޝަފީޤްގެ މައްޗަށް ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމުގެ ދައުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 16 މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ ޗުއްޓީ ހޭދަކޮށްލަން ކަމަށްބުނެ 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހު އޭނާ ދުބާއީއަށް ދަތުރު ކުރުމަށްފަހު، އެ މަހުގެ 20 ވަނަ ދުވަހު ތުރުކީގެ ވެރިރަށް އިސްތަންބޫލަށް ދަތުރުކޮށް، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެޤައުމަށް ދިއުމަށް ޢަލީ ޝަފީޤް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޝަފީޤް ޖަލުން މިނިވަން ކުރި މިއަދުގެ އަޑުއެހުމަކީ މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ބޭއްވި ދެވަނަ އިބްތިދާއީ އަޑުއެހުމެވެ. މިއަދުގެ ޝަރީއަތުގައު މައިގަނޑު ގޮތެއްގައި އޮތީ ދައުވާ ލިބޭ ފަރާތަށް މި ދައުވާ ސާފުކޮށް ދިނުމާއި، ދައުވާ ލިބޭ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމުގެ އިތުރުން ދައުލަތުން ހެކި ހާމަ ކުރުމެވެ.

ދައުވާއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޢަލީ ޝަފީޤްގެ ވަކީލު ވިދާޅުވީ، ދައުވާގައި ސާފު ނުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ދައުވާގައި ބުނަނީ ހަނގުރާމައެއްގައި ބައިވެރިވުމަށް ސީރިއާއަށް ދާން މަސައްކަތްކުރި ކަމަށް ކަމަށާއި، ނަމަވެސް ދައުވާކުރި ޤާނޫނުގެ އެ މާއްދާގައި މަސައްކަތް ކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ނުވާ ކަމަށާއި، ޢަލީ ޝަފީޤް ދަތުރުކުރި ޤައުމަކީ ދުބާއީ އަދި ތުރުކީ ކަމަށާއި، އެ ދެ ޤައުމަށް ދަތުރުކުރުމަކީ މަނާކަމެއް ކަން ދައުލަތުން ހުށަހެޅި އެއްވެސް ލިޔުމަކުން އެނގެން ނެތް ކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ޢަލީ ޝަފީޤް ސީރިއާޔަށް ދިޔަކަން ނުވަތަ ދާން އުޅޭކަން އެނގޭނެ އެއްވެސް ލިޔުމެއްވެސް ހުށަހަޅާފައި ނުވާކަމަށާއި، ސީރިއާގައި ހަނގުރާމައެއް ހިނގާކަންވެސް ދައުލަތުން ޝަރީއަތަށް ސާބުތުކޮށްދޭން ޖެހޭކަމަށް ޝަފީޤްގެ ވަކީލު ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓް ދިފާއަށް ލިބިފައި ނުވާ ކަމަށާއި، ރިޕޯޓު އެއްކޮށް ނުދިން ނަމަވެސް ރިޕޯޓުން ސިއްރު ކުރަންޖެހޭ ކަންކަން ސިއްރު ކުރުމަށްފަހު ދިފާއަށް ދޫކޮށްދޭން ޖެހޭ ކަމަށް ވަކީލު ވިދާޅުވީ، މިބާވަތުގެ މައްސަލައެއްގައި އިންޓެލިޖެންސް ރިޕޯޓުން ބައިތަކެއް އުނިކުރުމަށްފަހު ކްރިމިނަލް ކޯޓުން ދޫކޮށްފައިވާކަމަށް ވިދާޅުވުމަށްފަހުގައެވެ.

ދިފާއުގެ މި ވާހަކަތަކާ ގުޅުގެން ދައުލަތުގެ ވަކީލު ވިދާޅުވީ، ޢަލީ ޝަފީޤަކީ ހަނގުރާމައެއްގައި ބައިވެރިވުމުގެ ހުއްދަ ދީފައިވާ ފަރާތެއް ނޫން ކަމަށާއި، ދައުލަތުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓުންވެސް އެކަން ސާބިތުވާނެ ކަމަށެވެ. އަދި އިންޓެލް ރިޕޯޓަށް ބަލާއިރު އަދި މައްސަލައިގައި ދައުލަތުން ހުށަހެޅި ޝަފައީ ހެކިންގެ ހެކިބަހުން އަދި ދައުވާލިބޭ ފަރާތުގެ އަމަލުތައް ހުރިގޮތުން ޢަލީ ޝަފީޤަކީ ހަނގުރާމައަށް ދާން އުޅުނު މީހެއްކަން ވަރަށް ރަނގަޅަށް ސާފުވެގެންދާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލަށް ރައްދު ދެމުން ޢަލީ ޝަފީޤްގެ ވަކީލު ވިދާޅުވީ، ދައުލަތުން ދައުވާ ހުށަހަޅާފައިވަނީ ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ނޫން ކަމަށާއި، ދައުލަތުން އިންޓެލިޖެންސް ރިޕޯޓަށް ބުރަވަމުންދާއިރު އެއްވެސް ހެއްކެއް ރައްކާތެރިކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން މިހާތަނަށް ނެރަފައިވާކަން ދިފާއަށް އެނގެން ނެތް ކަމަށެވެ.

ދިފާއުގެ ވާހަކަތަކާ ގުޅިގެން ގާޒީ ނަޖީބު ވިދާޅުވީ، މިހާތަނަށް ހެކި ރައްކާތެރި ކޮށްދިނުމުގެ އަމުރެއް މިހާތަނަށް ކޯޓުން ނެރެފައި ނުވާ ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރުވެސް ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރަކަށް އެދިފައިވާނެ ކަމަށާއި، އެފަދަ ދާއިމީ އަމުރެއް މިހާތަނަށް ނުނެރުނު ނަމަވެސް ވަގުތީ އަމުރެއް ނެރެދެއްވުން އެދޭ ކަމަށެވެ. ނަމަވެސް މިއަދުގެ ޝަރީއަތުގައިވެސް އެފަދަ އަމުރެއް ނެރެފައެއް ނުވެއެވެ.

ދިފާއުން އިތުރަށް ފާހަގަ ކުރީ، މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުނުގެ 82 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ކަމަށެވެ. ދިފާއުން ބުނަމުން ދިޔައީ ދައުވާގައި ޢަލީ ޝަފީޤް ކުށުގެ އަމަލު ހިންގި ތަނާއި ވަގުތު އެނގެން ނެތް ކަމަށާއި، މި މައްސަލައިގައި ޢަލީ ޝަފީޤަށް ކުށުގެ ތުހުމަތު ކުރަނީ ޜާއްޖެއިން ފުރި ހިސާބުން ކަމެއް، ދުބާއީން ތުރުކީއަށް ފުރި ހިސާބުން ކަމެއްވެސް ސާފު ނުވާ ކަމަށެވެ.

ދިފާއަށް ރައްދު ދެމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޢަލީ ޝަފީޤް ދުބާއީއަށް ދަތުރު ކުރި ހިސާބުން ފެށިގެން ކުށުގެ އުންސުރުތައް ފުރިހަމަވެފައިވާ ކަމަށެވެ. މި ވާހަކައަށް ރައްދު ދެއްވައި ޢަލީ ޝަފީޤްގެ ދިފާއީ ވަކީލު ވިދާޅުވީ، ދައުލަތުން މި ދައުވާ އުފުލާފައިވާ ޤާނޫނުގެ އެ މާއްދާއަށް ބަލާއިރު ކުށެއް ކުރަން އުޅުން އެ ޤާނޫނު ނުދަންނަ ކަމަށާއި، އެހެންކަމުން ދައުލަތުގެ ދައުވާ އިސްލާހު ނުކޮށް ދައުވާ ކުރިއަށް ގެންދެވިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، ޢަލީ ޝަފީޤަށް މީގެ ކުރިން ކުރެވުނީވެސް މި މައްސަލައާ ގުޅުންހުރި ބާވަތުގެ ތުހުމަތު ތަކެއް ކަމަށްވާއިރު މި މައްސަލައާ ވަރަށް ބޮޑަށް ގުޅިގެންދާ ކަމަށެވެ.

އަދި ފުލުހުން ޢަލީ ޝަފީޤަށް ފާރަލާފައިވަނީ ވަރަށް ބޮޑެތި ތުހުމަތު ތަކެއް ކުރެވިގެން ކަމަށާއި، ޢަލީ ޝަފީޤާ ދެކޮޅަށް ޝަފަޢީ އަދި ފޮރެންސިކް ހެކިވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް މިއީ އިބްތިދާއީ މަރުޚަލާ ކަމުން ހުރިހާ ހެއްކާ ގުޅޭ ތަފްސީލު މި މަރުޚަލާގައި ދެވެން ނެތް ކަމަށްވެސް ދައުލަތުގެ ވަކީލު ތަޢުފީޤް ވިދާޅުވިއެވެ. ދައުލަތުގެ ވާހަކަތާ ގުޅިގެން ޢަލީ ޝަފީޤްގެ ވަކީލު ވިދާޅުވީ، ޤާނޫނީ އިމުގެ ބޭރުން ފުލުހުން ޢަލީ ޝަފީޤަށް ފާރަލާފައިވާނަމަ އެއީ ޤާނޫނީ ކުށެއް ކަމަށާއި، މި މައްސަލައިގައި ތުހުމަތު ކުރެވުނު ފަރާތެއް ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވުމުން އެ ހެކިވެރިޔާ ޝަޜީއަތަށް ބަލައި ނުގަތުން އެދޭ ކަމަށެވެ.

ދައުވާގައި ސާފުނުވާ ކަމަށް ދައުވާ ލިބޭ ރ.ކަނދޮޅުދޫ، ކަށިމާގެ، އަލީ ޝަފީގުގެ ވަކީލު ފާހަގަ ކުރެއްވި ކަންކަމަށް ބަހުސް ކުރުމަށްފަހުގައި، ދައުވާއަށް ޖަވާބުދާރީވުމަށް ޝަރީއަތުން ޢަލީ ޝަފީޤަށް އެންގުމުން އޭނާ ބުނީ، ދައުލަތުން އުފުލާފައިވާ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރު ކުރާ ކަމަށެވެ.
ދައުވާއަށް ޢަލީ ޝަފީޤް އިންކާރު ކުރުމާއެކު މި ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާ ހެކި ހާމަ ކުރުމަށް ޝަރީއަތުން ދައުލަތުގެ ވަކީލުންނަށް އެންގެވިއެވެ.

ދައުލަތުގެ ހެކިތައް ހާމަ ކުރައްވަމުން ދައުލަތުގެ ވަކީލު އަޙްމަދު ތަޢުފީޤް ވިދާޅުވީ، މި ކުށް ޢަލީ ޝަފީޤްގެ މައްޗަށް ސާބިތު ކުރުމަށްޓަކައި ދައުލަތުން ހުށަހަޅާ ހެކީގެ ތެރޭގައި، ޢަލީ ޝަފީޤަކީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރު ގެންގުޅޭ މީހުންގެ އިސް މީހެއް ކަމާއި، އެފަދަ މީހުންނާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމާއި، ޢަލީ ޝަފީޤް ދުބާއީ މަގުން ތުރުކީއަށް ގޮސް އުޅުނީ ސީރިއާއަށް އެތެރެވާ މީހުން ތިބޭ "ސޭފް ހައުސް" ކިޔާ ތަނެއްގައި ކަން ސާބިތު ކުރުމަށް ޕޮލިސް އިންޓެލް ރިޕޯޓް ހުށަހަޅާފައިވާނެ ކަމަށެވެ.

ދެވަނަ ހެއްކެއްގެ ގޮތުގައި ފުލުހުންގެ ރިޕޯޓަކާއި، އެ ރިޕޯޓް ތައްޔާރުކުރި ޕޮލިސް ސްޓާފް ސަރޖެންޓް މަރިޔަމް ޝިމްނީ ހުށަހަޅާފައިވަނީ މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ބަލާ ފާސްކުރި އޮފީހެއްގައި ހުރި ކޮމްޕިއުޓަރެއްގެ ހާޑް ޑިސްކުން މައްސަލައާ ގުޅުންހުރި ހެކި ލިބިފައިވާތީ އެކަން ސާބިތު ކުރުމަށެވެ.

ހެއްކެއްގެ ގޮތުގައި ސިއްރު ހެކިވެރިޔަކު ދައުލަތުން ހުށަހަޅާފައިވަނީ ޢަލީ ޝަފީޤް ތުރުކީއަށް ދިޔައީ ސީރިއާއަށް ދިއުމަށްޓަކައިކަން ސާބިތު ކުރުމަށެވެ. އަދި މުބީން ކިޔާ މީހަކު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، އަނާޒް އިންވެސްޓްމަންޓް ކިޔާ އޮފީހެއްގެ ކޮމްޕިއުޓަރ ސިސްޓަމަކުން ޢަލީ ޝަފީޤްގެ މެއިލް ޗެކް ކޮށްފައިވާއިރު، މައްސަލައާ ގުޅުންހުރި ހެކި ލިބިފައިވާތީއެވެ.

އިތުރު ހެކީގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ސީން އޮފް ކްރައިމް ރިޕޯޓާއި، އެ ރިޕޯޓް ތައްޔާރުކުރި އަޙްމަދު ސިމާހް ހުށަހަޅާފައިވަނީ، ވަށްބުރުގެ ބަލާ ފާސްކުރިއިރު އެ ގެއިން ޢަލީ ޝިފާޤްގެ އަންހެނުންނާއި ދަރީގެ ޕާސްޕޯޓް ފެނިފައިވާއިރު އެ ޕާސްޕޯޓުން އެމީހުން ތުރުކީއަށް ދަތުރު ކުރިކަން އެނގެން އޮންނާތީ އެކަން ސާބިތު ކުރުމަށެވެ.

ދިފާއުން ހުށަހެޅި ހެކި ހުށަހެޅުމަށް އިތުރު ފުރުޞަތެއް ދިނުމަށެވެ. ގާޒީ ނިންމެވީ ޢަލީ ޝަފީޤްގެ ފަރާތުން ލިޔުމުން ދިފާއީ ހެކި ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެއްކަށް ބަލައި، މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމަށްވެސް ގާޒީ ނަޖީބު ވަނީ މިއަދުގެ ޝަރީއަތުގައި ކަނޑައަޅުއްވާފައެވެ.

ދައުލަތުން އަދި ކުށުގެ ދައުވާ ލިބޭ ޢަލީ ޝަފީޤްގެ ވަކީލުންވެސް ވިދާޅުވީ، މި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެއް ހުށަހަޅަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދައުލަތަށާއި، ދިފާއަށްވެސް ގާޒީ ވަނީ ތިން ދުވަހުގެ ފުރުޞަތެއް އަރުވާފައެވެ.

އެހެންކަމުން މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުން ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޟަހުު

    ބަލަންޖެހޭ އަންބަކާ ދަރިން ތިބި ކަން އެގޭއިރު ކީއްވެ ހަގުރާމައަށް ދިޔައީ..

    • ޢަލީ ޝަފީޤުގެ އަޚް

      ބަލަ މޮޔަ ނުގޮވަބަލަ. މަ ބޭބެ ދިޔައީ އަންހެނުންނާ ދަރިފުޅު ގޮވައިގެން ޗުއްޓީއަކަށް. ޑުބާއީ އަށާއި ތުރުކީ އަށް ދިޔުން ހުއްދައީ ވަކި ބަޔަކަށްތަ؟

  2. ޙަސަނު

    ލަންކާއަށް ގޮސް ކެސީނޯގަ ޖުވާކުޅެން އުޅުނަސް ހަމަ އޯކޭ ދެއްތޯ !

  3. ޒިންމާ

    ބަލަ! ހަނގުރާމައަށް ނައްޓާލީ ވެސް، ތިބުނާ އަނބި މީހާ އާ ދަރި ހުއްޓައެއްނު! އެމީހުން ބެލެހެއްޓުމުގެ ޒިންމާ އޮތްކަން ހަނދާނަށް އަންނަނީ ޖަލަށްލުމުން ކަމަށް ވަންޏާ، ތިތަނުން ނެރޭނެކަމެއް ނެތެއްނު!

    • މޮޔައިން

      ބޮޑު ތެދެއް

  4. ނަންްްްްް

    ޖަލުގައި ދިރި ހުންނާކަށް ބޭނުމެއް ނުވޭ. ބޭނުންވަނީ އަވަހަށް ހޫރު ޕަރީންގެ ގާތަށް ދާން. މިރާއްޖޭގެ ތަނެއްގައި ހުރެގެން ތިޔަކަންތައް ވާނެގޮތެއް ނޯވޭތަ؟ ދެން ބޮން ތައްޔާރުކޮށް ގޮއްވަން ފަޅުރަށެއް ނަމަވެސް ތައްޔާރުކޮށްދޭން ވެއްޖެއެއްނު؟

  5. Anonymous

    ކޮންމެ ގޮތެއްވިޔަސް ކާފަރުން މުސްލިމުން މުސްލިމުންގެ ގޮތުގއި ތިބިޔަކަ ނުދޭނެ.

  6. އެހެންދޯ

    މިކަހަލަ ޖަރީމާ ހިންގާ މީހުން ވަރަން އަވަހަށްދޫވާނެ، ދެން ފެއްނާނީ ކެންޕޭން އޮފީހުގަ، ނުވަތަ ޑޯޓުޑޯގަ އުޅޭތަން ދެއްތޯ..؟

  7. ސަފސދދދ

    އަޖާބު ހީވޭ،،،

  8. މޮޔައިން

    އެންމެ ފުރަތަމަ ހަނގުރާމަ އަށް ދާން އުޅުނީވެސް އެބުނާ ދަރިންނާ އަނބިމީހާ ހުއްޓަ އެކަމަކު އެމީހުން ބަލަހައްޓަން ޖެހޭކަން އިނގެނީ ޖަލަށް ލީމަ މީހަކު ހައިރާނެއް ނުވާނެތަ؟ ޕިސްޕިސް

  9. ޢަފްލާ

    ކީރިތި ޤްރްއާނުގަވެސް އޮވޭ ﷲ ގެމަގުގައި ހިޖްރަކޮއް އެމީހެއްގެ ނަފްސާއި މުދަލުން ހޭދަކޮއް ޖިހާދުވާ މީހުންނަކީ ވަރައްގިނަ ކަންތައްތަކައް ﷲ ގެހަޒްރަތުން އެދޭބައެއް ކިހިނެއްތަ މީހެއްގެ ނިޔަތް އަނެކާއައް އިނގޭނީ ހަނގުރާމައިން ފިލާ މީހުންނަކީ ހާދަހާވާ ނުބައި ބައެކޭ ސޫރަތުއް ތައުބާ ސޫރަތް ކިޔަވާ މާނަ ރަނގަލހައް ބަލާބަލަ