ދިވެހިބަހުގެ އެކެޑަމީއިން އިންތިޒާމުކޮށްގެން ދިވެސްއަކުރު ދިވެހި އަކުރަށް ބަދަލުކުރާނެ ގޮތް ދަސްކޮށްދޭ ކޯހެއް ފެށިއްޖެއެވެ.

19 ބައިވެރިންނާއެކު ފެށި މި ކޯހުގެ މަޤުޞަދަކީ ދިވެސް އަކުރުން ލިޔެފައިވާ ލިޔުންތައް ދިވެހި ބަހަށް ބަދަލުކޮށް، އެ ދުވަސްވަރުގެ ތާރީޚު ދެނެގަތުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

މި ކޯހުގައި ކިޔަވައިދެއްވާނީ މީގެ ކުރީ ކޯސްތަކުގައިވެސް ކިޔަވައިދެއްވި މުދައްރިސުން ކަމުގައިވާ މ. މަގުމަތީގޭ އަޙުމަދު ރަޝީދު ޢަބްދުލްޤާދިރާއި މ. ސީނިއާވިލާ ޚަދީޖާ ޙަސަން މަނިކެވެ.

މި ކޯސް އިފްތިތާޙުކޮށްދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ކޮންސަލްޓަންޓް މަޑުލު މުޙައްމަދު ވަޙީދެވެ.

މީލާދީން 12ވަނަ ޤަރުނު ނިމުނުފަހުން ގާތްގަޑަކަށް 200 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހިން ލިޔަމުން ގެންދިޔަ އެވޭލާ އަކުރު މަޑުމަޑުން ތަރައްޤީވެ ދިވެސް އަކުރަށް ބަދަލުވެ އެވޭލާ އަކުރުގެ ޒަމާން ނިމުމަކަށް އައިސްފައިވާއިރު ދިވެސް އަކުރަކީ އެވޭލާ އަކުރާ ވަރަށް ގާތް އަދި އެވޭލާ އަކުރު ލިޔާގޮތަށް ވާތުން ކަނާތަށް ލިޔާ އަކުރެކެވެ.

އެޗް. ސީ . ޕީ ބެލްގެ މޮނޮގްރާފަށް ބަލައިލާއިރު އޭގައި ލިޔުއްވާފައިވާ ގޮތުން މިހާތަނަށް ފެނިފައިވާ ލޯމާފާނުތަކުގެ ތެރެއިން ، ދިވެސް އަކުރުން ލިޔެފައިވާ އެންމެ ކުރީގެ ލޯމާފާނަކީ ބޮޑުގަލު މިސްކިތު ލޯމާފާނެވެ. މިއީ މީލާދީން 1356ވަނަ އަހަރުގެ ލިޔުމެކެވެ.

ދިވެސް އަކުރުން ލިޔެފައިވާ ވަރަށް ގިނަ ފަތްކޮޅުތަކާއި ލިޔުންތައް ހުރި އިރު ދާރުލްއާސާރުގައި އޮތް އައްޑޫ މިސްކިތުން ގެނައި ފިލަޔާއި މާލޭ ހުކުރުމިސްކިތުގެ އެތެރޭބައިގައި ހުރި ހަތަރު ތަނބުގެ ވަށައިގެން ދިވެސް އަކުރުން ލިޔެފައިވާ ލިޔުންތައް ހިމެނެއެވެ.

އަދި ހުކުރު މިސްކިތު ހަރިންމަ ތެރޭ ހުރި ޒިޔާރަތްތަކުގެ އިސްކަންދަރު ރަސްގެފާނުގެ ޒިޔާރަތާއި ކަނބާ ޒިޔާރަތުގައި ހުރި މަހާނަގަލުގެ އިތުރުން ކަނބާ ޒިޔާރަތުގެ ބައެއް ބެރިތަކުގައިވެސް ދިވެސް އަކުރުގެ ލިޔުންތައް ލިޔެފައި ހުއްޓެވެ. އަދި މާލޭ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައި ހުރި މަހާނަގައުތަކުގައި ވެސް ދިވެސް އަކުރުގެ ލިޔުންތައް އެބަހުއްޓެވެ.

ދިވެސް އަކުރު ދަސްކުރުމުގެ ބޭނުމަކީ މި އަކުރު ލިޔެފައި ހުރި ތާރީޚީ ލިޔުންތައް ކިޔަން އެނގުމުން ތާރީޚު ދިރާސާ ކުރާފަރާތްތަކަށް އެހީއަކަށް ވެއެވެ. އަދި މި ފަދަ ދިރާސާތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި އަކުރު ދަސްކުރުމުން އެ ދިރާސާ ކުރުމަށް ފަސޭހަވެއެވެ.