ފުވައްމުލައް ސީޓީގައި ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު "ޓައިގާ ޝާކް" ޕޮއިންޓަށް ޑައިވިންގ އަށް ފޭބި މުހައްމަދު ސައީދު (ސައިޓޭ) ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފާއިތުވި ތިން ދުވަހު 1000 މީޓަރު (3200 ފޫޓް) ގެ ސަރަހައްދެއް ޑައިވް ކޮށްގެން ބެލިއްޖެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ފުވައްމުލަކު ފަރު ކައިރިން އެއްހާސް މީޓަރުގެ ސަރަހައްދެއް ޑައިވް ކޮށްގެން ބަލާފައި ވަނީ ސިފައިންގެ ޑައިވަރުންގެ އިތުރުން ފުވައްމުލަކުގައި ހަރަކާތްތެރިވާ ޑައިވަރުން ވެސް ބައިވެރިވެގެން ކަމަށެވެ. އެމްއެންޑީއެފް އިން ވަނީ ސައީދު ހޯދުމަށް ކުރަމުން ގެންދާ މަސައްކަތުގައި ފުވައްމުލަކުގައި ތިބި ޑައިވަރުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ފާއިތުވި ތިން ދުވަހު ޑައިވް ކޮށްގެން ބެލި ސަރަހައްދުގެ ފުން މިނުގައި 85 މީޓަރު ހުއްޓެވެ.

ސައީދު ހޯދަން ކުރަމުން އަންނަ މަސައްކަތުގައި އަދި ކުރިއެރުމެއް ލިބިފައި ނެތް ނަމަވެސް އޭނާ ހޯދަން ޑައިވް ކުރި ސަރަހައްދުން ވަނީ އޭނާ މަސް ހިފަން ބޭނުންކުރި އާލާތަކާއި ޑައިވް ބެލްޓެއް ފެނިފައެވެ.

ސައީދު ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ ހޯމަ ދުވަހުގެ މެންދުރު ފަހު 3:36 ގައެވެ. ސައީދު ގެއްލިގެން ރިޕޯޓް ކުރި ހިސާބުން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯޓް ސްކޮޑްރަންގެ ސިފައިންނާއި ފުވައްމުލަކުގެ ޑައިވަރުން ގެންދަނީ ހުއްޓުމެއްނެތި އަދިވެސް ކުރަމުންނެވެ.

ސައީދާއި އެކު އުމުރުން 19 އަހަރުގެ ޒުވާނަކު ވެސް ޑައިވް ކުރިއެވެ. އޭނާގެ ހާލު ސީރިއަސް ވެގެން މިހާރު ވެސް ފަރުވާ ދެމުން އެބަގެންދެއެވެ.