ޕާކިސްތާންގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަހްމޫދު އައްބާސީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަހްމޫދު އައްބާސީއަށް މަރުޙަބާ ވިދާޅުވެ، ޕާކިސްތާންގެ ލީޑަރުންނަށް ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ޕާކިސްތާނުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ކުރިއަށްއޮތްތާނގައިވެސް ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެ، ބައިނަލްއަޤުވާމީ މަޝްރަހުން ދެޤައުމަށް ކުރިމަތިވާ އެއްގޮތް މައްސަލަތަކުގައި ހައްލު ހޯދުމަށް އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެ ޤައުމުގެ ރަހުމަތްތެރިކަން އެކިދާއިރާތަކުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ދަ ނޭވަލް ސްޓާފް މި ދަތުރުފުޅަކީ ފައިދާހުރި ކާމިޔާބު ދަތުރުފުޅަކަށް ވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ޕާކިސްތާންގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ރާއްޖެއިން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާ، ދިވެހި ސަރުކާރަށާ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރެއްވެވިއެވެ. އަދި ކުރިއަށް ރިޔާސީ އިންތިހާބަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.

ޕާކިސްތާނާ ދިވެހިރާއްޖެއަކީ މުސްލިމް އަޚުވަންތަ ދެޤައުމު ކަމުގައި ވިދާޅުވެ ކުރިއަށް އޮތް ތާނގައި މިގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް ގުޅިގެން މަސައްކަތްކުރައްވާނެކަމުގައިވެސް ޕާކިސްތާންގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަތޮލް

    މިހާރު ރާއްޖެއިން ހަދަންވީ ގޮތަކީ އިންޑިޔާއިން ނުގެންދަން ބޮޑާހާކާ 2 ހެލިކޮޕްޓަރު ޕާކިސްތާނަށް ހަދިޔާކުރަންވީ. ރާއްޖެއަށް އިންޑިޔާއިން ދީފައޮތް ހަދިޔާއެއް ރާއްޖެއިން ބޭނުން ފަރާތަކަށް ދެވޭނެކަމަށް ޤަބޫލުކުރަނީ.