ނައިބު ރައީސް ފައިސަލް ނަސީމް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒް ވަނީ އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ރިޔާސަތަށް ތައުރީފުކުރައްވާފައެވެ. އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުގެ މައްސަލައިގައި ރާއްޖެއަށް އެއްބާރުލެއްވުން ދެއްވާނެކަމަށާއި، ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރީ ސަފުގައި އަބަދުވެސް މަސައްކަތްކުރަމުންދާ ގައުމެއްކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާކަމަށާއި، އެގޮތުން އަބަދުވެސް އދ އިން އަދި އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ނައިބު ރައީސް ވަނީ ކޮވިޑްގެ ބަލިމަޑުކަމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ލީޑާޝިޕަށް ތަޢުރީފުކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީީ އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ރިޔާސަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

"ހުރިހާ ގައުމުތަކުން އެކަތިގަނޑަކަށް ވާންވީ ވަގުތަކީ މިވަގުތު. ކޮވިޑްގެ ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކުގެ ސަަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިކަން ބޭނުންވޭ." ނައިބު ރައީސް ވިދާޅުވިއެވެ.

އަދި، އެމަނިކުފާނު ވަނީ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުން ނާޒުކު ކުދި ގައުމުތަކަށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އެހީތެރިވެދިނުން މުހިންމުކަމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ފަރާތުން ބައެއް ކަންކަމުގައި ބޭނުންވެލައްވާ ވަރަށް އެއްބާރުލުން ނުލިބޭކަން ހިތާމައާއެކު ފާހަގަކުރައްވާ ކަމަށެވެ. އަދި، އެމަނިކުފާނު ވަނީ ކުރަން ހުރި ކަންކަން ގިނަކަމުގައި ވިދާޅުވެ، ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ސަބަބުން ކުރިމަތިވާ ބައެއް މައްސަލަތަކަށް އެންމެ ބޮޑު އަގެއް ދައްކަންޖެހިފައިވަނީ ރާއްޖެ ފަދަ ކުދި ނާޒުކު ގައުމުތަކުން ކަމުގައި ވިދާޅުވެފައެވެ.

" މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ކުދި އަދި ނާޒުކު ގައުމުތަކުގެ ޙައްގުގައި މަސައްކަތްކުރުންމަތީ ދެމިހުންނާނަން." އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ ރާއްޖެއިން ގަބޫލުކުރާ ގޮތުގައި މިއީ މޫސުމީ ބަދަލުތަކާ ގުޅިގެން ލަސްނުކޮށް ފިޔަވަޅު ނަގަންވީ ވަގުތުކަން ހާމަކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ މިއީ މިއަދު ރާއްޖެއަށް ކުރިމަތިވާ ކަމެއްކަމުގައި ވަނީނަމަ މާދަމާ ކުރިއަރާފައިވާ އެހެން ބޮޑެތި ގައުމުތަކަށްވެސް މިކަންކަން ކުރިމަތިވާނެ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަވާސާ ހަމީދު

    ތިޔަ އދ އަކީ ރަސިޔަން ފެޑުރޭސަންގެ ރައީސް ބުނިގޮތަށް ތިޔަ އީ ފީކުދާނު އެއްވެސް ކަމެއް ކުރެވޭތަނެއްނޫން ޖަނގަލީގެ ހުކުން ބޮޑު ޖަނަވާރު ކުޑަ ޖަނަވާރު ކާލަނީ ކުޑަ ޖަނަވާރަށް އެއްވެސް ހައްގެންނޯވޭ!