ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއާއެކު އޮންލައިން ޓްރޭޑް ކުރަން އިންވެސްޓް ކުރި މީހުންނަށް މިވަގުތު ފައިސާ ދިނުމަށް ދަތިތަކެއް އެބަހުރި ކަމަށާއި ނަމަވެސް މިއަހަރުގެ ޖުލައި މަހުގެ ކުރިން ފައިސާ ދިނުމުގެ އިންތިޒާމު ރަނގަޅަށް ހަމަޖެއްސޭނެ ކަމަށް ފެންނަ ކަމުގައި އެ ކުންފުނިން ބުނެފިއެވެ.

އެކުންފުނިން މިފަދައިން ބުނެފައިވަނީ ކުންފުންނިން ތައާރަފް ކޮށްފައިވާ ޓްރޭޑިން ސްކީމަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކުން ތިބި ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ.

އެމެސެޖުގައި ކިންގްސް އިން ބުނީ ކުރިން ދެންނެވިހެން ބަންދު ނޫން 20 ދުވަހުގެތެރޭގައި ފައިސާ އަނބުރާ ނުދެވި އޮތީ މިވަގުތު މިކުންފުނީގެ ވިޔަފާރި އެކީ ހުއްޓިފައިވާތީ، ފައިސާ ދެވެން ނެތިގެން ކަމަށެވެ.

އެހެންކަމުން އަދި އިތުރު ވަގުތު ބޭނުންވާ ކަމަށާއި ޖުލައި މަހުގެ ކުރިން ފައިސާ ދިނުމުގެ އިންތިޒާމް ރަނގަޅަށް ހަމަޖެއްސޭނެކަމަށް ފެންނަ ކަމަށް ކިންގްސް އިން ވަނީ ބުނެފައެވެ.

"އަޅުގަނޑުމެންގެ އޮންލައިން ޓްރޭޑިން އެކައުންޓްތައް ޝަކުވާތަކާ ގުޅިގެން އޮޑިޓްކުރަމުންދާތީއާއި މިވަގުތު ކުރީގެ އެއްވެސް އެކައުންޓަކަށް ފައިސާ ޑިޕޮޒިޓް ކުރެވޭނެ މަގެއް ނެތުމާއެކީ، އަޅުގަނޑުމެން މިދަނީ މިމައްސަލަ ހައްލުކޮށްގެން، އެހެން ޤައުމެއްގައި ރަޖިސްޓަރީވެގެން އައު އެކައުންޓާއެކީ ޓްރޭޑް ކުރުން ކުރިއަށް ގެންދިމުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެކަން މިމަސް ނިމުމުގެ ކުރިން ހަމަޖެހޭނެކަމުގެ ވަރަށް ބޮޑު އުންމީދު އޮތްވާހަކަވެސް ދަންނަވަމެވެ.” ކިންގްސްއިން ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

އިންވެސްޓަރުންނަށް ފައިސާ ނުދެވުމުގެ ސަބަބުން ކުރިމަތިވި ދަތިތަކަށް މަޢާފަށް އެދޭކަން ފާހަގަ ކުރަމުން ކިންގްސްއިން ބުނީ މި ވިޔަފާރިއާއި ގުޅިގެން އެކުންފުނީގެ ހިއްސާދާރުންނަށް އެއްބާރުލުން ދެއްވާ، އެހެނިހެން ޕްލެޓްފޯމުތަކުގައި ޒާތީގޮތުން ދިމާނުކުރެއްވުމަކީ އެދޭ އެދުމެއް ކަމަށާއި އެކަމުން ލިބޭ ގެއްލުންވެސް ބޮޑުވަމުން ދިއުމަކީ ކަންކަން ކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އއ

    ކޮއްމެވެސް އެއްޗެއް ކިޔާފަ ހެޑްލައިންއައް އަރާތި

  2. ފަރޭ

    އަހަރެންނަށް ޖަވާބެއް ވެސް ނުލިބޭ ދެން ކޮން ދޮގެއް ހދާކަށް