ބްރެޒިލް އިން ރާއްޖެއަށް އެކި ބަލިތަކާ ގުޅޭ 80,000 ޑޯޒް ވެކްސިން ހަދިޔާކުރައްވަން ނިންމަވައިފިއެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ވެކްސިން ހަދިޔާ ކުރައްވަން ބްރެޒިލް ސަރުކާރުން ނިންމެވިކަން ހާމަކޮށްފައި ވަނީ އެގައުމުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ސަރޖިއޫ ލުއިޒް ކަނާއިސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް އެރުއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައިއެވެ.

މިއަދު މެންދުރު ކުރިން ރައީސް އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި ބްރެޒިލްގެ ސަފީރު ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ފަރާތުން ބްރެޒިލް އަށް ލިބޭ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެގައުމުގެ ހިއުމަނިޓޭރިއަން ކޯޕަރޭޝަންގެ ދަށުން އެ ގައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ފަރާތުން މި މަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ޑޯޒްތައް ހަދިޔާކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ރާއްޖެއާ ބްރެޒިލްގެ ގުޅުމަށް 34 އަހަރު، މިއަހަރުފުރޭނެކަން ފާހަގަކުރައްވައި ދެބޭފުޅުން ވާހަކަ ދައްކަވާފައިވާއިރު ކޮވިޑް-19 އާއި، ވިޔަފާރިއާއި އިގްސޯދާއި، ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްގީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ސަރުކާރުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީ ހޯދުމަށް ގެންގުޅުއްވާ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ރާއްޖޭގައި ނޫ އިގްތިސޯދުގެ ދާއިރާއިން ދެ ގައުމުން ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ކުރަމުންދާ އަސަރުތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާ، އަސަރުތަކާއި އަދި، ތަރައްގީއަށް އަންނަމުންދާ ލޮޅުންތައް ފާހަގަކުރައްވަމުން ރައީސް ވަނީ މޫސުމީ ބަދަލުތައް ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމުކަމުގައި ވިދާޅުވެފައެވެ. ރައީސް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބްރެޒިލްގެ ސަރުކާރުން ރާއްޖެއަށް ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރާއްޖެ އަންނަ ބްރެޒިލްގެ ފަތުރުވެރިން އިތުރުކުރުމާއި ގުޅޭގޮތުން ސަފީރާއި މަޝްވަރާކުރައްވާފައެވެ.