ސްރީލަންކާއިން ގެއްލުނު އުމުރުން ދުވަސްވީ ދިވެހި މީހާ އަދިވެސް ނުފެންނަ ކަމަށް ފޮރިން މިިނިސްޓްރީން ވިދާޅުވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 62 އަހަރުގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހެކެވެ.

އޭނާ ގެއްލިގެން ހޯދަން ފަށާފައިވަނީ ނިމިދިޔަ އީދު ދުވަހުގެ ހެނދުނު ދެހިވަލާ މިސްކިތް ކައިރިއަށް ދިއުމަށްފަހު ހަބަރެއް ވެފައި ނުވާތީއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އަދިވެސް އޭނާ ފެނިފައި ނުވާ ކަމަށެވެ.

އެ މިނިސްޓްރީން މީގެ ދެ ދުވަސް ކުރިން ވިދާޅުވިގޮތުގައި، ލަންކާއިން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި އެކީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އާއިލާއަށް ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އަދި މި މައްސަލަ އާއިލާގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.