މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވުމަށް ފަހު އެންމެ ފުރަތަމަ ޕްލޭންކޮށްފައި އޮތީ ބޮން ގޮއްވި ސަރަހައްދުގައި މީހުންނަށް އެހީތެރިވާން މަސައްކަތް ކުރަން ކަމަށާއި ނަމަވެސް ގަތް ބިރެއްގެ ބޮޑުކަމުން ވަގުތުން ސަރަހައްދުން ފިލީކަމަށް ބޮން ގޮއްވުމުގައި އިސްކޮށް އުޅުނު އަދުހަމް އަހުމަދު ރަޝީދު ބުނެފިއެވެ.

ނަޝީދު އަވަހާރަކޮށްލަން އަދުހަމް ބޮމެއް ގޮއްވާލީ ރިމޯޓެއް މެދުވެރިކޮށެވެ. އެ ރިމޯޓް ހިފައިގެން އޭނާ ހުރީ އަތަމާ ޕެލެސް ގޯޅި ތެރޭގައެވެ. އަދި ބޮން ގޮއްވާލުމަށް ފަހު އަދުހަމް ވަނީ ވަނީ ވަރަށް ބާރަށް ދުވެ އެ ސަރަހައްދުން ފިލައިފައެވެ.

ބޮން ގޮއްވާލި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތެއްގެ އަޑު އެހުމުގައި އަދުހަމް ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ ރާވާފައި އޮތީ ބޮން ގޮއްވާލުމަށްފަހު އެހީތެރިއެއްގެ ގޮތުގައި ބޮން ގޮއްވި ސަރަހައްދާ ކައިރިވުމަށް ކަމަށެވެ.

އެގޮތުން ހަމަލާގައި އަނިޔާވި މީހުންނަށް އެހީތެރިވާ މީހެއްްގެ ގޮތުގައި ދެއްކުމަށް ފަހު އެ ސަރަހައްދު ދޫކޮށް ދިއުމަށް ކުރިން ނިންމާފައި އޮތް ކަމަށް އަދުހަމް ބުނެފައިވެއެވެ.

"އެއީ އަޅުގަނޑުކަން ނޭނގޭ ގޮތަށް އެކަން ފޮރުވުމުގެ ގޮތުން." އަދުހަމް ބުނެފައި ވެއެވެ.

ނަމަވެސް ބޮން ގޮވުމާއެކު ޝޮކެއް ލިބި ގަތް ބިރުން ދުއްވައިގަތީ ކަމަށް އަދުހަމް ބުނެފައި ވެއެވެ.

ހަމަލާއަށް ފަހު އަދުހަމްގެ ދުއްވައިގަތް މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް އާންމުކުރުމުގެ ކުރިން މަންޒަރު ދުށް އާންމުން ވެސް ވަނީ އަދުހަމް އެދުވަހު އަމަލުތައް ހުރި ގޮތާމެދު ވަރަށް ބޮޑަށް ޝައްކުކޮށްފައެވެ. އަދި ފަހުން އަދުހަމް ހައްޔަރު ކުރުމުން ތުހުމަތުތައް ވަނީ ޔަގީން ވެފައެވެ.

އަދުހަމް ވަނީ އޭނާގެ ކުށަށް އިއުތިރާފްވެ ދައުލަތާއެކު އެއްބަސްވުމެއް ހަދައިފައެވެ. އެއާއެކު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 23 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނީސް

    ލިޔާނެ ވާހަކައެއް ނެތިގެން އުޅޭހެން ހީވަނީ އަޅައިގަނެގެން ނެއްޓެން ނޭގިގެން އުޅޭހެން

    18
    24
  2. މުހަންމަދު

    މީހުން މަރާލަން ބޮންގޮއްވާ ޓެރަރިސްތުންނާއި އެކުވެސް އެއްބަސްވުން.....

    8
    1
  3. ގައިދުރު

    ޢިސްލާމީ ކުދިން.ތި ބައިގަޑު އަފްގާނުގަ އަދި ގިނަ މުސްލިމު ގައުމުތަކުގަ

    2
    4
  4. ހުސޭނުބޭ

    ތި އަދުހަމްގެ ވާހަކަ ހުރިގޮތުން ޔަޤީންވަނީ ބުނެގެން ކުރި ކަމަކާ! ހިސާބަށްވުރެ ބޮޑަށް އަނިޔާވީމާ ގާތްވާން ނުކެރުނީކަމަށް. ޕްލޭނާ އެއްގޮތަށް ނުދިޔައީ ކަމަށް

    10
    1
  5. ކަމަނަ

    ދެން ތިޔަސޮރު ސަލާމަތް ވެދާނެ

    8
    1
  6. މަންތިރި

    ކުށް ކުރާ މީހުންނާއެކު ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްބަސްވުން ހެދުމަކީ ސަރުކާރުތަކުން ބޭނުންވާ ގޮތަކަށް މައްސަލަ ބައްޓަންކުރަން ކުރާ ކަމެއް! އެއީ ޢަދުލު އިންސާފު ނެތިދާ ކަމެއް! އޭރުން ސަރުކާރުން ހުށަހަޅާ އޮފަރ ގެ ދަށުން ކުށް ކުރި މީހާ ދޮގު ބަޔާނުގަ ކޮށްލާނީ ސޮއި!