އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރު ކުރި މީހާ ދޫކޮށްލި މައްސަލަ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީތަކަށް ހުށައެޅުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ނިންމަވައިފިއެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މިދިޔަ މަހު ކުރީކޮޅު ހައްޔަރުކުރީ 55 އަހަރުގެ ފިރިހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ މާލެ އިންނެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ކުރިން 30 ދުވަސް ދިނެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރަން އޭނާ ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއިއެކު އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ބަންދުން ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި، އޭނާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ ކުދިން މިހާރު ބޮޑެތިވެފައި ތިބުމާއި ޕީޖީ އޮފީހުން މައްސަލައާ ގުޅޭ ގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހުން ކޯޓުން ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް ބަންދު އަމުރު ދެމެހެއްޓުމާއި ރިވިއުކުރުމުގައި ވެސް މީގެ ކުރިން ބަލަނީ މައްސަލަ ބަލަން ފެށުމާ އެކު ފުރަތަމަ ދޭ ލިޔުމަށެވެ.

މިމައްސަލައިގައި ކުޑަކުދިންތަކެއް ހިމެނޭތީ މައްސަލައިގެ ތަފްސީލެއް ފުލުހުން ވެސް ހާމައެއް ނުކުރެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންދުން ދޫކޮށްލި މީހާގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ އާއިލީ ގުޅުން އޮންނަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ.

އާއިލާގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މެންބަރު ޝިޔާމް ވިދާޅުވީ އެ ކަންބޮޑުވުންތަކާއި އަދި ޖިންސީ ގޯނާގެ ތުހުމަތު އޮތް މީހާ ދޫކޮށްލި މައްސަލަ މަޖިލީހުގެ ކޮމެޓީތަކަށް ހުށައަޅުއްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ޝިޔާމް ވަނީ އިންޑިޔާ އައުޓު ބެނާތަށް ނަގަން ކޯޓު އަމުރު ނެރެނުދިން ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީން ބަލާ ފިޔަވަޅު އަޅާފައިވާއިރު ޖިންސީ ގޯނާގެ މިވަރުގެ ބޮޑު ތުހުމަތެއް އޮތް މީހަކު ދޫކުރި ފަނޑިޔާރުގެ މައްސަލަ ބަލަން ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ވެސް ސުވާލު ކޮށްފައެވެ.