އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެއްފަހަރު ހައްޔަރުކޮށް ދޫކޮށްލި މީހާ އިއްޔެ ހައްޔަރު ކުރުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މިދިޔަ މަހު ކުރީކޮޅު ހައްޔަރުކުރީ 55 އަހަރުގެ ފިރިހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ މާލެ އިންނެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ކުރިން 30 ދުވަސް ދިނެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރަން އޭނާ ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއިއެކު އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ބަންދުން ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި، އޭނާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ ކުދިން މިހާރު ބޮޑެތިވެފައި ތިބުމާއި ޕީޖީ އޮފީހުން މައްސަލައާ ގުޅޭ ގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހުން ކޯޓުން ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް ބަންދު އަމުރު ދެމެހެއްޓުމާއި ރިވިއުކުރުމުގައި ވެސް މީގެ ކުރިން ބަލަނީ މައްސަލަ ބަލަން ފެށުމާ އެކު ފުރަތަމަ ދޭ ލިޔުމަށެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން އިއްޔެ ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން އެމީހާ އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރުކޮށްފަައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު