ބ.ފެހެންދޫ ފަޅުގައި އަޅާފައި އޮތް މުދާ އުފުލާ ދޯންޏެއްގައި ރޭ ރޯވެ، އަލިފާންގަނޑު ފެތުރި ފަޅުގައި އޮތް ޑިންގީއެއްގައި ވެސް ރޯވެ ދެއުޅަނދު ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.

ފެހެންދޫން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ރޭ ދަންވަރު އެކެއް ޖަހަން އުޅެނިކޮށް ފުރަތަމަ އަލިފާން ރޯވީ ފެހެންދޫގައި ހަދާ ގެސްޓްހައުސްއަކަށް ބޭނުންވާ ތަކެތި އުފުލުމަށް ބޭނުން ކުރާ މުދާ އުފުލާ ދޯންޏެއްގައި ކަމަށެވެ. އެއީ "އެގްރި" ނަމަކަށް ކިޔާ 70 ވަރަކަށް ފޫޓްގެ ދޯންޏެކެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް ޖާދުﷲ އަލީ ވިދާޅުވީ ދޯނީގައި ރޯވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ. އަލިފާން ރޯވެފައި ހުއްޓާ ފެނުނު އިރުވެސް ވަރަށް ބޮޑަށް ދޯނީގައި އަލިފާން ރޯވެފައި ހުރިކަމަށް އޭނާ ވިދާޅުވިއެވެ. ދޯނީގައި އަލިފާން ރޯވުމުން ބަނދަރުގައި ހުރި އެހެން އުޅަނދުތައް ރަށު މީހުން ވަނީ ދުރަށް ޖައްސާފައެވެ.

ރަށުގައި އަލިފާން ނިއްވަން ބޭނުންކުރާ އެއްޗެހި ނެތުމުން އަލިފާން ނިއްވަން މަސައްކަތެއް ނުކުރެވުނެވެ.

އަލިފާން ރޯވި ދޯނި ވަނީ ފަތިހު 04:00 ކަންހާއިރު އަޑިއަށް ގޮސްފައެވެ.

ފެހެންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ފެހެންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ދެއުޅަނދު ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އެހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަރުމޯލް

    ބައެއް މީހުން ޖޯކް ޖަހާފާނެ ، އެކަމަކުވެސް މަގޭ ޚިޔާލެއް ، އަލިފާން ނިއްވާ ޒާތުގެ ކިތަންމެ ކުޑަ އުޅަދެއްނަމަވެސް ދެމީހުންނާއި އެކު ކޮންމެ ރަށެއްގައިވެސް މިހާރު ގާއިމް އެބަ ކުރަން ޖެހެޔޭ ، ރައްރަށުގައި މިހާރަކަށް އައިސް އަލިފާނުގެ ގިނަ ހާދިސާ ތައްހިގާ މީހުންގެ އަގުބޮޑު މުދަލާއި ގެދޮރުދަނީ އަދާ ހުލިވަމުން ،،

  2. ޙުކުމް

    ޑިންގީ އާއި ލޯންޗާ ވަކިކުރަން ނޭގޭ މީހުން މިކަހަލަ ހަބަރު ނުލިޔުން އެދޭން...މީގެން އިތުރަށް ހަގީގަތް އޮޅުން އަރަނީ...