ހުޅުމާލޭގައި އެންމެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ އެއް ސަރަހައްދުގައި ހުރި ބަންޕަރު ނަގައިފިއެވެ.

އެ ބަންޕަރަކީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ހިސާބުގައި އޮންނަ މަގެއް ކަމަށްވާ ކުރެދިމާ ހިނގުމުގައި ހުންނަ ދެ ބަންޕަރުގެ ތެރެއިން އެއް ބަންޕަރެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްދެމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ބަންޕަރު ނެގި އިރު، އެ ބަންޕަރު މަތީގައި މީގެކުރިން ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގިއެވެ. އެ ބަންޕަރު މަތީގައި ހިނގި އެކްސިޑެންޓުތަކެއްގައި ބައެއް މީހުންގެ ފުރާނަ ވެސް ދިޔައެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ ކުރެދިމާ ހިނގުމުގައި ހުންނަ ދެ ބަންޕަރުގެ ތެރެއިން އެއް ބަންޕަރު ނެގީ އެ ސަރަހައްދަށް ގެންނަމުން އަންނަ ބަދަލުތަކުގެ ތެރެއިން ކަމަށެވެ.

ނުރައްކާތެރި ބަންޕަރު ނަގާފައި. --- ވަގުތު އިމޭޖަސް

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅާލާފައި އޮތް ނިރޮޅުމަގު ބުރިޖާއި ހިތިގަސްމަގު ބުރިޖު ސަރަހައްދުގެ ޓްރެފިކަށް ދާދި ފަހުން ވަނީ ބަދަލު ގެނެސްފައެވެ. ދެ ފިޔަވަހި ގުޅާލުމަށް ހަތަރު ބްރިޖެއް ހެދިއިރު، އޭގެ ތެރެއިން އާންމުންނަށް ހުޅުވާލާފައިވަނީ އެންމެ އިރުމަތީ ފަރާތާއި އެއާ ޖެހިގެން ހުޅަނގަށް އޮންނަ ބުރިޖެވެ. އޭގެ ހުޅަނގަށް އޮތް ދެ ބުރިޖު އާންމުންނަށް އަދި ހުޅުވާލާފައެއް ނުވެއެވެ.

މި ބަދަލާއެކު، ނިރޮޅުމަގު އުތުރުން ދެކުނަށް (ފޭސް ދޭކުން އެކަކަށް) ދަތުރުކުރާ ނަމަ ދެވޭނީ ހަމައެކަނި ކުރިއަށެވެ. ކުރެދިމާހިނގުމުން ވައަތަށް އަދި ކަނައަތަށް ވެސް ލަނބައެއް ނުލެވޭނެއެވެ. ނިރޮޅުމަގު ގޯޅި-1އިން ދަތުރުކުރެވޭނީ ހަމައެކަނި ހުޅަނގުން އިރަށެވެ. ނިރޮޅުމަގު ގޯޅި-1އިން ދަތުރުކުރެވޭނީ ހަމައެކަނި ހުޅަނގުން އިރަށެވެ. ކުރެދިމާހިނގުން ނިރޮޅުމަގު ބްރިޖުން ފެށިގެން ހިތިގަސްމަގު ބުރިޖާ ހަމައަށް ދަތުރުކުރެވޭނީ ހަމައެކަނި އިރުން ހުޅަނގަށެވެ.

ހިތިގަސްމަގު އުތުރުން ދެކުނަށް (ފޭސް ދޭކުން އެކަކަށް) ދަތުރުކުރާ ނަމަ ދެވޭނީ ހަމައެކަނި ކުރިއަށެވެ. ކުރެދިމާހިނގުމުން ވައަތަށް އަދި ކަނާއަތަށް ވެސް ލަނބައެއް ނުލެވޭނެއެވެ. ހިތިގަސްމަގު ދެކުނުން އުތުރަށް ދަތުރުކުރާ ނަމަ ދެވޭނީ ކުރިއަށް އަދި ލަނބާލެވޭނީ ވައަތަށް ކުރެދިމާ ހިނގުމަށެވެ. ކުރެދިމާހިނގުމުން ހުޅަނގުން އިރަށް ދަތުރުކުރާ ފަރާތްތަކަށް ލަނބާލެވޭނީ ހިތިގަސްމަގު ބުރިޖަށް ވައަތަށެވެ. ހިތިގަސްމަގުން ކަނައަތަކަށް ނުވަދެވޭނެއެވެ.

ހުޅުމާލޭގެ އެކި މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރުތަކަކީ ބައިނަލްއަގުވާމީ މިންގަނޑަށް ނުފެތޭ ބަންޕަރުތަކެއް ކަމަށް ބުނެ ގިނަ ބަޔަކު އަބަދުވެސް ޝަކުވާ ކުރެއެވެ. އެގޮތުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ބަންޕަރުތަކުގެ ކުލަ ފަނޑުވުމާއި ރޭގަނޑު ގަޑީގައި އެ ބަންޕަރުތައް ނުފެންނަ ކަމަށް ބުނެފައިވެއެވެ. ކުލަފަނޑުވެގެން ގޮސް އެ ބަންޕަރުތައް ހުންނަނީ ތާރުގަނޑާ އެއް ކުލަވެފައެވެ. އެހެންވެ، ކުއްލިއަކަށް ބަންޕަރުގައި ޖެހޭ އިރަށް ހިފާލެވެނީ ބުރަކީގައެވެ.

އެ މައްސަލަ އަށް ހައްލު ގެނައުމަށް އެޗްޑީސީން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ހުޅުމާލޭގައި އެންމެ ފަހުން ނެގި ބަންޕަރުގައި ޖެހި، އެކްސިޑެންޓުވެގެން މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު އައިމިނަތު އީމާން ވެސް ވަނީ ނިޔާވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަންތިރި

    މައްސަލައަކީ ބަންޕަރެއް ނޫން! މިސާލަކަށް ތޫނު ވަޅިއަކީ ރައްކށާތެރި އެއްޗެއް ނޫން! އަލިފާނަކީ ރައްކާތެރި އެއްޗެއް ނޫން! ޕެޓްރޯލް، ގޭސް ފަދަ އޭގެ ޒާތުގަ ރައްކާތެރި ނޫން އެތަކެއްޗެއް އެބަހުރި! މީގެން ގެއްލުންވެ ނުރައްކާވަނީ މީހުން އޭގެ ބޭނުންކުރާ ގޮތުގެ ސަބަބުން! ނުރައްކާވާތީ ބަންޕަރު ނެގި ކަމުގައިވާނަމަ މިރާއްޖެއަށް ވަޅިއާއި ކަޓަރު ތިލަ ފަދަ އައިޓަމްތައް އެތެރެކުރުން ހުއްޓާލަންޖެހޭ!

    6
    1
  2. Anonymous

    ތިކަމުގެ ސަބަބުން ވަރަށް ފައިދާވާނެ.

    2
    2
  3. އަލީ

    އުތުރު ދެނުކު، ކަނާތް ވާތް ނުކިޔާ މެޕެއް ކުރަހާލާފަ އިންނަމަ ދޭހަވުން ތަންކޮޅެއް ފަސޭހަވީސް

    4
    2
  4. ޙަަަހަ

    މިވެރިކަން އައިސް ޝިފާމެން ވަރަށް ވަރުއަރުވާލި ބަންޕަރުތކުގައި ދަވާދުލާން ، ވެދާނެ ޝިފާގެ އިންތިހާބުއާއި މަޖިލިސް އިންތިހާބަށް ކަމަށް ، ފަހުން ވީކަމެއް ނެތް

  5. ކަރުކުރުބޭ

    ސްޕީޑް ދަށްކުރަން މިހަދާ ބަންޕަރު ތަކަކީ އޭގެ އަސްލު ބޭނުން ކުރެވޭ އެއްޗެއް ނޫން ބާރަށް ދުއްވާ ސޮރުމެން ތިއެއްޗަކަށް މަޑެއް ނުކުރޭ

  6. މަގޭހިޔާލު

    ބަމްޕަރު ޖަހަން ވީ 50 ފޫޓުން 50 ފޫޓުން. މިހާރުވެސް އޮބި ނޯވޭ ހަމަ.