ޔޫރަޕްގެ އިތުރު ގައުމުތަކުން ރާއްޖެއިން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު (ނޢޢވ) ދަޢުވަތު ދެއްވައިފިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫރަޕް ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވީޑިއޯ މެސެޖެއްގައި ފޮރިން މިނިސްޓަރ ޝާހިދު ވަނީ މާލޭގައި ހުންނަ ވީއެފްއެސް ގްލޯބަލްގެ ވިސާ ސެންޓަރުން ދިވެހިންނަށް އެއުމުތަކަށް ދިޔުމަށް ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާފައިވާތީ ޖަރުމަންވިލާތާއި، ޗެކް ރިޕަބްލިކް އަދި އޮސްޓްރިއާ އާއި އިޓަލީވިލާތުގެ ސަރުކާރުތަކަށް ޝުކުރު އަދާކުރައްވާފައެވެ

އަދި ޔޫރަޕްގެ އިއްތިhAދާއިއެކު އޮންނަ ގުޅުން ބަދަހިވުމުގެ ނަތީޖާއެއްގެ ގޮތުން ދާދި އަވަހަށް ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމްއާއި ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ޝާހިދު ވަނީ ކޮވިޑް-19 ގެ ހާލަތުގައި ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން ސިއްހީ ދާއިރާއަށް އެއް މިލިއަން ޔޫރޯ އަދި ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ދެ މިލިއަން ޔޫރޯގެ ހިލޭ އެހީ ޔޫރަޕިއަން ޔޫނިއަން އިން ދިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ފުރަތަމަ ފަހަރަށް އީޔޫގެ ހަތް އަހަރަށް ކަނޑައަޅާ ބަޖެޓް ސައިކަލްގައި ދިވެހިރާއްޖެއަށް ވަކިން ހާއްސަކޮށް އެހީ ދިނުމަށް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ސަރުކާރުން ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ހަމައެއާއެކު ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުންވެސް ރާއްޖެއަށް 40 މިލިއަން ޔޫރޯގެ އެހީތެރިކަން ދާދިފަހުން ދިންކަން ފާހަގަކުރައްވައި، އެކަމަށްވެސް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

ޔޫރަޕަކީ ރާއްޖޭގެ ވިޔަފާރީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކުގެ ބޮޑު އިންސައްތައެއް ޔޫރަޕަށް އެތެރެކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖެއިން ކުރަމުން އަންނަ ދެމެހެއްޓެނިވި މަސްވެރިކަމުގެ ސަގާފަތް ބަލައިގަނެ، ޔޫރަޕްގެ ޤައުމުތަކުން ރާއްޖޭގެ ކަނޑު މަހަށް ނަގަމުން އަންނަ ޓެރިފް ދާދި އަވަހަށް އުވާލާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަށު މަންޖެ

    ވާއު ސޯހެޕީ

  2. މަރުމޯލް

    ބޭނުމީ ވިސާ އެއްނޫން
    ވިސާ ލިބުނަސް ތިޔަ ތަނަށް ދާނެ ފައިސާ އެއްނެތް
    ވިސާ ދިނުމުގެ ބަދަލުގައި ތިޔަ ތަނަށް ދާނެ ފައިސާ ދިނިއްޔާ މާ ރަނގަޅުވާނެ
    ނޫނީ ވިއްޔާ ޓިކެޓް ދީފާ ގެންގޮސްދިނަސް ރަނގަޅުވާނެ
    މަހުޖަނުންނަށް ތިޔަ ތަނަށް ދެވުނަސް މަމެން ފަދަ ނިކަމެތިންނަށް ދުވަހަކުވެސް ތިފަދަ ތަންތަނަށް ނުދެވޭނެ

    • ބޮޑުވަޒީރު

      ނުވާނެހެން ހީވަންޏާ ނުކުރާނީ! އިގިއްޖެތަ!

  3. Anonymous

    ވިސާ ނުލިބިގެނެއް ނޫން މިއުޅެނީ..