ދިއެފްއެމްގެ ކުރީގެ ސީއީއޯ އަދި މީޑިޔާ ކައުންސިލްގެ ކުރީގެ މެމްބަރު މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ފާޅުކަންބޮޑުކޮށް ގޯސްހަދާފައިވާ ކަމަށް ބުނެ ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އަލީ ޝަރީފްގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

މަސްއޫދު ހިލްމީ ތަމްސީލް ކުރައްވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހްސިނުގެ އެޑަވަކަސީ ޗެމްބަރގެ ފަރާތުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެހުކުމް ކުރި ލ.އަތޮޅުގެ އިސް މެޖިސްޓްރޭޓް އަދި ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ އަލީ ޝަރީފް ފަޑިޔާރެއްގެ މަގާމުގައި ބަހައްޓަން އެކަށީގެން ނުވާފަދަ އަމަލެއް ކޮށްފައިވާ ކަމަށެވެ.

މެޖިސްޓްރޭޓް އަލީ ޝަރީފާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ ސަރީއަތުގެ ކުރީ މަރުހަލާގައި މަސްއޫދު ހިލްމީ އާއި ފާތިމަތު އާސިޔާގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ނިންމާފައިވާ ކަމަށާއި އެހެންނަމަ ވެސް ފަހުމަރުހަލާގައި އެނިންމުން ބަދަލުކޮށްފައި ވަނީ އެއް މަރުހަލާއެއްގައި ނިންމާ ނިންމުންތަކާއި ތައާރުޒުވާ ގޮތަށް އެމައްސަލައެއް ނިންމުމުގެ ބާރު އެމަރުހަލާގެ ކޯޓަކަށް ލިބިގެން ނުވާ ކަމަށް ގާނޫނުގައި ބުނެފައިވާ ހާލަތުގައި ކަމަށެވެ.

އަލީ ޝަރީފާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި އިތުރަށް ބުނެފައި ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި މެދު ނިންމި ގޮތް މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކުން އިސްތިއުނާފް ކޮށްފައިނުވާ ކަމަށެވެ.

މެޖިސްޓްރޭޓް އަލީ ޝަރީފް ހުކުމް ކުރުމުގައި ހެކިބަސް ބަލައިނުގަތުމާއި ގުޅޭ ގޮތުން ޝަރީއަތުން ފާހަގަކޮށްފައިވާ ދެ ހާލަތަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާއި މެދު ގޮތް ނިންމި އިރުވެސް ވުޖޫދުގައި އޮތް ހާލަތެއް ކަމަށާއި އަދި ސަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާއި މެދު ގޮތް ނިންމި އިރު، އެ ދެފަރާތުގެ ހެކިބަސް ބަލައިގަތުމަށް ނިންމާފައި ވަނީ އެހާލަތަށް ރިއާޔަތްކުރުމަށް ފަހުގައި ކަން އެނގޭ ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދީ މަސްއޫދު ޒަހަމްކޮށްލި މައްސަލައި ހުކުމް ދައުލަތުން އިސްތިއުނާފަށް މިހާތަނަށް ހުށަހަޅާފައި ނުވެ އެވެ.