އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ ވާދަވެރި އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ސަރުކާރު ވައްޓާލަން ކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ތުހުމަތު ކުރައްވައިފިއެވެ.

ރާއްޖޭގޭ ޑިމޮކްރަޓިކް ތާރީހުގައި މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބު ފެށިގެން ކުރިޔަށްދާއިރު އިންތިހާބާ ގުޅިގެން އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ދެކަފިވެފައެވެ.

ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެންބަރުން ޗެއާޕާސަން ކަމަށް ގެންނަވަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަށް ތާއީދު ކުރައްވާއިރު ދެން ވާދަކުރައްވާ އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކުގައެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާއިރު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ނިހާދު ވިދާޅުވީ ސަރުކާރު ވައްޓާލަން އެއްބާރުލުން ދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށާއި އިންތި އާއި އޭނާގެ ފެކްޝަނުން މަސައްކަތް ކުރައްވަނީ ހަތް އަހަރު ދުވަހުގެ ބުރަ މަސައްކަތުން ގެނެވުނު އެމްޑީޕީގެ ވެރިކަން ވައްޓާލަން ކަމަށެވެ.

"ސަރުކާރު ވައްޓާލުމުން ލިބޭނެ ގެއްލުން މިއަދު ދިވެހި ކޮންމެ ރައްޔިތަކަށް ވަރަށް ސާފު. އެމްޑީޕީގެ އެއްވެސް މެންބަރަކު ނޭދޭނެ ހަތް އަހަރު ވީ ގުރުބާނީއިން ގެނައި މި ސަރުކާރު ވައްޓާލާކަށް. އިންތި ބޭނުން ވިޔަސް އެކަމަށް ބުނާނީ ސޮރީ އޭ" އޭނާ ވިދާޅުވިއެވެ.

ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ނިހާދު ތުހުމަތު ކުރައްވާފައިވާއިރު ދާދި ފަހުން [ނަޝީދު ވެސް ވަނީ މިއީ ފެތެމުންދާ ސަރުކާރެއް ކަމަށާއި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ސަރުކާރާއި ފެޔަށް ޖެހުން ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް "ވަގުތު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިންތި ވިދާޅުވީ އޭނާގެ ޗެއާޕާސަން ކަމެއްގައި މަސައްކަތް ކުރައްވާނީ ސަރުކާރާ ގުޅިގެން ކަމަށާއި އެންމެ މުހިއްމު ކަމެއް ދެއްވާނީ ޕާޓީން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ކަމުގައެވެ.

އަދި ސަރުކާރާއި އެކުގައި އޭނާއަށް މަސައްކަތް ކުރެވޭނެ ކަމަށާއި ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަނަކާ ނުލާ ހަމައެކަނި އެމްޑީޕީގެ ސަރުކާރެއް އެކުލަވާލުމަށްޓަކައި މި ސަރުކާރުގެ ދުވެލި ރަނގަޅު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ކުރިޔަށްދާ އެތެރޭގެ އިންތިހާބުގެ ފޯރި އިންތިހާއަށް ގަދަވެފައިވާއިރު މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބެވެ. މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ބައި ލައްކައެއްހާ މީހުންނަށް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ގްރީންސްޓްރީޓް

  އިންތިއަށް މިހާރު އިތުބާރެއް ނެތް.

  1
  1
 2. ތިނަދޫ ރޯޑު

  ސަރުކާރު ވައްޓާނުލާ ރައްޔިތުން މައިތިރިވެގެން ތިބޭތީ ޝުކުރު ކޮއްބަލަ. ޔާމިނު ސަރުކާރުގަ ހަވަރު ތިނަދޫގަ ހިއްކާފަ އެއޮތް ބިމުން ތިނަދޫގައި ބޯހިޔާވަހިކަން ބޭނުން ވެފފައި ތިބި މީހުނަނަށް ގޯތި ނުދީގެން އުޅެނީ ސީދާ އިބޫއާއި ފައްޔާޒުގެ އޯޑަރަށޭ ހަވަރު ތިނަދޫ ކައުންސިލް ބުނަނީ. ބޯހިޔާވަހިކަމެއް ނެތި ސަރުކާރެއްވެސް ފައްޔާޒެއް ވެސް އަހަރުމެންނަށް މުހިއްމެއްނޫން

 3. އަޙުމަދު.

  ތިކަހަލަ ދެބޯގެރި ނުދުއްވަ ބަލާ. ތީ އެއްވެސް އޮއްޓަރެއް ހުރި ވާހަކައެއް ނޫނެނެ. މާރަނގަޅުވީސް ޕާރޓީގެ ވެރިއަކު ވެރިކަމާ ހުރެ ތެޅިމަރުރުވަނީ ބުނިނަމަ.