އަދުގެ ސަރުކާރާއި އަދި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން އެމްއެމްޕީއާރްސީ ހިޔާނާތުގެ ވާހަކަ ދައްކަނީ ސިޔާސީ ފައިދާ ހޯދުމަށްޓަކައި ކަމަށާއި ދައުލަތަށް ގެއްލުނު ފައިސާ އިއާދަކުރުމުގެ ހެޔޮ ނިޔަތެއް ސަރުކާރުގައި ނެތް ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި އޮތް ބަހުސެއްގައި އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފަޔާ) ދެއްކެވި ވާހަކަތަކަކަށް އިޝާރާތް ކުރައްވައެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެ، ދެ ފެކްޝަން އުފެދިފައިވާއިރު އެއް ފެކްޝަން އަނެއް ފެކްޝަނަށް އަންނަނީ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ. ވައްކަމާއި ހިޔާނާތާއި، އަދި ކޮރަޕްޝަންގެ ތުހުމަތުތައް ވެސް އެކަކު އަނެއްކަކަށް ކުރައްވާއިރުގައި ޕާޓީގެ ބައެއް ސިއްރުތައް ވެސް އެތެރޭގެ ވާދަވެރިކަމުގައި އަންނަނީ ބޭޒާރުވަމުންނެވެ.

އެގޮތުން ބަހުސެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިކަމަށް ބުނާ ބޭފުޅުންގެ ސައްހަ ލިސްޓެއް އެބައޮތް ކަމަށާއި އެ ލިސްޓްކަމަށް ބުނެ މަޖިލީހުން އާންމުކުރި ލިސްޓަކީ އޮޅުވާލާފައިވާ ލިސްޓެއް ކަމުގައެވެ. އަދި ހިޔާނާތުގެ އަސްލު ލިސްޓު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ފައްޔާޒުގެ ވާހަކަތަކަށް ރައްދުދެއްވާ އުޝާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ އަކީ މި ސަރުކާރުންނާ އެމްޑީޕީން ސިޔާސީ ފައިދާއަށް ދައްކަމުންދާ ވާހަކަތަކެއްކަން އެނގިގެން ގޮސްފައިވާ ކަމަށާއި ސިޔާސީ ފައިދާ ހޯދުމަށްޓަކައި އެމްޑީޕީން ބޭނުންވާ ބައެއްގެ ނަންތައް ހިމަނައިގެން ލިސްޓުތައް ނެރެމުންދާ ކަމަށެވެ.

"އެބަޔަކު ބޭނުންވާ ނަންތަކެއް ހިމަނައިގެން ލިސްޓް ނެރެނީ. އިންސާފުވެރިކަމާއެކު މައްސަލަ ބަލައި، ގެއްލުނު ރައްޔިތުންގެ ފައިސާ ހޯދުމުގެ ހެޔޮ ނިޔަތެއް މިސަރުކާރުގެ ނެތް." އުޝާމް ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީ ހިޔާނާތް ބެލުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ވައުދެކެވެ. ނަމަވެސް އެ މައްސަލަތައް ނުބެލި ލަސްވެ، އަދި މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް ފެންމަތިވަމުން ދިއުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ހާއްސަ ގޮތެއްގައި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ ފެކްޝަނުން ގެންދަވަނީ ހިޔާނާތުގެ މައްސަލަތަކާޢި މަރުގެ މައްސަލަތަކުގެ އިތުރުން ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދާ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ކިހިނެއްހޭ އިއާދަކުރާނީ. ހުރިހައި ބޮޑުން އެތިބީ އެ ކައި ހަޖަމުކޮށްގެން

  2. ސުމަން

    އެފައިސާ ބޭނުންކޮށްފައިވަނީ މިސަރުކާރުގެ އިސްމީހުން.ދެން ކިހިނެއް އެމައްސަލަ ބަލާނީ...އެކަންވާނީ ވަގުނިކުމެ ވަގު ހޯދުންކަހަލަ ކަމަކަށް.ކޮން އެމް އެން ޕީއާރުސީ އެއްކިޔާކަށް.މިސަރުކާރުން އެއަށްވުރެ މާގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެއްޖެ.