ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ވެސް މިއަދު ތާއީދުކޮށްފިއެވެ.

އައްމަޓީ ބަންދުގައި ބަހައްޓައިގެން ސީލައިފް މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ދައުލަތުން ބޭނުންވަނީ އޭނާ ފިލާފާނެ ކަމަށް ބުނެއެވެ.

ނަމަވެސް މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އައްމަޓީ ފިލާފާނެ ކަމަށް ދައުލަތުން ބުނި ނަމަވެސް އޭނާގެ އަތުގައި މިހާރު އޮތީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެކެވެ. އައްމަޓީ ހުރީ ދިވެހިރާއްޖޭގައި ކަމަށާއި އޭނާ އެހެން ޤައުމަކަށް ދާން ބޭނުންވެއްޖެ ޙާލަތެއްގައި ޕާސްޕޯޓެއް ނުވަތަ ޓްރެވެލް ޑޮކިކުމެންޓެއް ބޭނުންވާނެކަން ފާހަގަ ކޮށްފައި ވެއެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރުގައި އައްމަޓީ ފުރުން މަނާ ކޮށްފައިވާ ކަމާއި އަދި އޭނާ ޕާސްޕޯޓު އައުކުރުމަށް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ހޯދުމަށް އެދި ހުށަހަޅައިފިނަމަ އެކަން ކޯޓަށް އެންގުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ސިޓީއަކުން ދެންނެވުމަށް ޝަރީޢަތުން ނިންމާފައިވާކަން ވެސް ހައިކޯޓުން ފާހަގަ ކޮށްފައި ވެއެވެ.

ކޮންމެ ދުވަހަކު އެއް ފަހަރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ޙާޟިރުވެ އެ ޙާޟިރީ ރެކޯޑު ހަފްތާއަކު އެއް ފަހަރު ކޯޓަށް ފޮނުވުމަށް އަންގަންޖެހޭ ގޮތަށް ފިޔަވަޅު އަޅާފައިވާކަން ވެސް ހައިކޯޓުން ފާހަގަ ކުރެއެވެ. އެހެންކަމުން އައްމަޓީ ފިލާފާނެ ކަމަށް ބަޔާންކޮށް، ދައުލަތުން ފާހަގަކުރި ޙާލަތާއި އައްމަޓީގެ މިހާރުގެ ޙާލަތު ތަފާތު ވެފައިވާކަމަށް ބަލަންޖެހޭކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

އައްމަޓީގެ މައްޗަށް ކުރެވިފައިވާ ޝަރުޠުތަކަކީ އޭނާގެ ފަރާތުން ކުރިން ޢަމަލުކޮށްފައިވާ ގޮތަށް ބަލައި އުފެދޭ ފިލުމުގެ އިޙްތިމާލު ނެތިކޮށްލެވޭފަދަ އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއްކަމުގައި ބުރަވެވޭ ކަމަށް ހައިކޯޓުގެ ހުކުމުގައި ވިދާޅުވެފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކަށް ބަލާއިރު މީހަކު ބަންދުގައި ބަހައްޓާއިރު ބަލަން ޖެހޭ ދެކަމެއް އެބައޮތް ކަމަށް ހައިކޯޓުން ވިދާޅުވިއެވެ. އޭގެތެރެއިން އެއްކަމަކީ ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބާރު ލިބިދޭ ހެކި ހުރިކަން ނުވަތަ ނޫންކަން ކަމާއި، އެގޮތުން މި މައްސަލައިގައި އައްމަޓީގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އައްމަޓީ ކުރިކަން ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަން ހައިކޯޓުން ފާހަގަ ކޮށްފައި ވެއެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ޖަވާބު ހޯދަންޖެހޭ ދެވަނަ ސުވާލަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތެއް ވުޖޫދުވެފައިތޯ ކަމާއި، އެކަމަށްޓަކައި ބަލަންޖެހެނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާއަށް ކަމާއި، އެ މާއްދާގައި ބުނާ ކަންކަމުގެ ތެރެއިން ދައުލަތުން ތުހުމަތު ކޮށްފައިވަނީ އައްމަޓީ ފިލާފާނެ ކަމުގެ މައްޗަށް ކަމާއި، ނަމަވެސް މިހާރު އައްމަޓީ ފިލާފާނެކަމަށް ބެލެވޭނެ އެކަށީގެންވާ ހެއްކެއް ނުވަތަ ސަބަބެއް ދައުލަތުން ހުށަހަޅާފައިނުވާތީ، ދެވަނަ ސުވާލުގެ ޖަވާބަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތެއް ވުޖޫދުވެފައިވާކަމަށް ބެލެވެން ނެތް ކަމަށް ހައިކޯޓުން ވިދާޅުވިއެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ މިއަދު އިއްތިފާގުން ނިންމެވީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.