ކޮވިޑް-19 އިން ސަލާމަތްވުމަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 159،000 އަށް އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް 398،615 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އަދި 384,016 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ތިންވަނަ ޑޯޒް (ބޫސްޓާ ޑޯޒް) އެޗްޕީއޭއިން ޖަހަން ފަށައިފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ.

އެއީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރު ބޫސްޓާ ޑޯޒް ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުންނަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ބޫސްޓާ ޑޯޒް ޖަހާފައިވަނީ 159،507 މީހުނެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމަށް ފަހުގައި މިހާރު ވަނީ މުޅިންހެން ކޮވިޑުގެ ވަބާއިން އަރައިގަނެވިފައެވެ.

ކޮވިޑަށް ފަހުގައި ރާއްޖޭގެ އިގްތިސާދު ވެސް މިހާރު އަންނަނީ މަޑުމަޑުން ކުރިން ހުރި މިންވަރަށް އިޔާދަވަމުންނެވެ. ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭ އިގްތިސާދު ކޮވިޑުގެ ކުރިން ހުރި މިންވަރަށް އިޔާދަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު