ބަންގްލަދޭޝްގެ ވިޔަފާރިވެރިޔަކާއި ރާއްޖޭގެ މައި ކޮލެޖް ގުޅިގެން ދަނޑުވެރިކަމުގެ ކޯހެއް ރާއްޖޭގައި ފަށައިފި ކަމަށް ބަންގްލަދޭޝްގެ ނޫސްތަކުން ބުނެފިއެވެ.

ބަންގްލަދޭޝްގެ ނޫސްތަކުން ބުނާ ގޮތުގައި އެގައުމުގެ ވިޔަފާރިވެރިއެއް ކަމަށްވާ އަހްމަދު މޮޓާކީގެ ބައިވެރިވިވުމާއި އެކު ކުރިއަށް ގެންދާ ދަނޑުވެރިކަމުގެ ކޯހުގައި ކިޔަވައި ދިނުމުގެ މަސައްކަތް ކުރައްވާނީ ބަންގްލަދޭޝްގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރަލް އެކްސްޓެންޝަންގައި މަސައްކަތްކޮށް ރިޓަޔާ ކުރައްވާފައިވާ ޑރ.މަހްމޫދު މިރުހާދް އާއި ޑރ.އެމްޑީ ހާލިދު ކަމާލް އެވެ.

ރާއްޖޭގައި ދަނޑުވެރިކަން ކިޔަވައި ދިނުމުގެ މަސައްކަތް ފެށުމަށް މިމަހުގެ 10 ވަނަ ދުވަހު އައްޑޫ ސިޓީގައި ވަނީ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ. އެރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަދި މިހާރު އިކޮނަމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސޯދިގު (ސޯބެ) ވެސް ބައިވެރިވިއެވެ.

އަހްމަދު މޮޓާކީ ބުނާ ގޮތުގައި މިހާރު ރާއްޖޭގައި ދަނޑުވެރިކަން ކިޔަވައިދޭން ފަށަނީ ސެޓްފިކެޓް ލެވެލް-3ގެ ކޯހަކުން ނަމަވެސް ކުރިއަށް އޮތްތަނުގައި ދަނޑުވެރިކަމުގެ ޑިގްރީ ކޯސްތައް ވެސް ރާއްޖޭގައި ހިންގާނެއެވެ.

ރާއްޖޭގައި ދަނޑުވެރިކަން ކިޔަވައި ދިނުމުގެ މަސައްކަތުގައި އިސްކޮށް ހުރި ބަންގްލަދޭޝްގެ އަހްމަދު މޮޓާކީ އަކީ ރާއްޖޭގައި ދިރިއުޅޭތާ 30 އަހަރު ވެފައިވާ މީހެއް ކަމަށް ބަންގްލަދޭޝްގެ ނޫސްތަކުން ބުނެއެވެ. ނޫސްތަކުން ބުނާ ގޮތުގައި އޭނާ ރާއްޖެ އައީ ފުރަތަމަ ޓީޗަރެއްގެ ވަޒީފާއަކަށެވެ. ނަމަވެސް އޭނާ އަކީ މިހާރު ވިޔަފާރިވެރިއެއް ކަމަށް އެނޫސްތަކުން ބުނެއެވެ.

ރާއްޖޭގައި ދަނޑުވެރިކަން ކުރަމުން ދިޔަ ނަމަވެސް ރާއްޖެއަށް ބޭނުންވާ ގިނަ މޭވާ އާއި ތަރުކާރީ އެތެރެ ކުރަން ޖެހެނީ ރާއްޖެ އިން ބޭރުންނެވެ.