އިތުރު ފަސް ރަށެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ޖުލައި މަހުގެ ދެ ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ވަށަފަރު، ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ ގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ ހޮނިހިރު ދުވަހުވެސް ވިލިމާލެ ދައިރާގެ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުވެސް ބާއްވާފައެވެ. މިއިންތިޚާބު ކާމިޔާބުކުރީ އިދިކޮޅު ޕީޕީއެމްއިންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާ ގާތްގާތުގައި އިންތިޚާބުތައް ބާއްވަންޖެހި، ކުރިމަތިލާނެ މީހުންގެ ޝައުޤުވެރިކަންވެސް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުން ކަނޑައެޅިފައިވާ މުއްދަތުގައި އެއްވެސް ތަރުޙީބެއް ނުުލިބުމުން އަނެއްކާވެސް ހުޅުވާލަން ޖެހުމަކީ ފަސޭހަ ކަމެއްނޫންކަމަށާއި އަދި ކައިރި ކައިރީގައި އިންތިޚާބުތައް ބާއްވަން ޖެހުމަކީވެސް ގޮންޖެހުން ބޮޑު ކަމެއްކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

އަންހެނުންގެ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް ބޭފުޅުން މަޤާމުން އިސްތިއުފާދީ، އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަވެސް ބޮޑު ކުރުމަށް ނިންމާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުތަކާއެކުގައި އަންހެނުން ކޮމެޓީތަކުގެ އިންތިހާބު ބާއްވަން ފަށާފައިވަނީ މި ސަރުކާރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖީނާ

    މީސްކޮޅު މަދު މިޤައުމުގައި ޑިމޮކްރަސީ ބޮޑުކަމުން ދުވާލަކު އިންތިހާބެއް ބޭއްވުމަށް ކުރާ ހޭދަ މިނޫން ގޮތަކަށް ބައްޓަންކުރާނެ ދުވަހެއް އަންނަން ޖެހޭކަމަށް ގިނަބަޔަކު މިހާރު ބުނެއެވެ.

  2. ސޫރާ، ތިނަދޫ

    ރާއްޖޭގައި ތަފާތު ނަންނަމުގައި ބޮޑެތި ޚަރަދު ތައްކޮށް މިފަދަ އިންތިހާބުތައް ބޭއްވުމަށްވުރެ ޚަރަދު ކުޑަ ނިޒާމެއް ނެތީބާ؟

  3. ބަގުއްޑޭ

    އިންތިހާބު ބާއްވަން ވީ އެއްފަހަރު ލިބޭ ނަތީޖާ ރޭންކް ކުރުމައްފަހުދައުރު ހަމަވަންދެން ވެއިޓިން ލިސްގަ ތިބެން ވާނެ އެއްވެސްސަބަބެއް މަރުވުން ނުކުޅެދުން ފިޔަވައި އެހެން ސަބަބަކުން ވަކިވާ ނަމަ އެކަމައް ފައިން އެއް ހަމަޖައްސައި ރޭންކިންގަ ޖެހިގެން ހުރި ފަރާތް ނޮމިނޭޓުކުރާ ގޮތައް ހެދީމަ ހަރަދު ކުޑަވެފަ ޒިންމާދާރު ވާނެ